ރަޝިއާ އިން އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ބަލަމުން އަންނަ ކްރިމިއާ އާއި ރަޝިއާ ގުޅުވައިދޭ ބްރިޖަށް މިއަދު ހަމަލާއެއްދީ ގޮއްވާލައިފިއެވެ. ކްރިމިއާ އަކީ ޔޫކްރޭންގެ ސަރަހައްދެކެވެ. ނަމަވެސް 2014 ވަނަ އަހަރު ރަޝިއާ އާއި ޔޫކްރޭނުން ކުރި ހަނގުރާމައަށްފަހު ކްރިމިއާ ކޮންޓްރޯލް ކުރަމުން އަންނަނީ ރަޝިއާ އިންނެވެ.

ކްރިމިއާ އާއި ރަޝިއާ ގުޅުވައިދޭ ބްރިޖު ގޮއްވާލުމުގެ ޒިންމާ ޔޫކްރޭނުން ވަނީ އުފުލާފައެވެ. ޔޫކްރޭނުން ބުނާ ގޮތުގައި ބްރިޖަށް ހަމަލާ ދިނީ ޔޫކްރޭންގެ ސެކިއުރިޓީ ސާވިސް (އެސްބީޔޫ) އާއި ޔޫކްރޭންގެ ކަނޑުގެ ސިފައިން ގުޅިގެންނެވެ.

ބްރިޖަށް ދިން ހަމަލާގައި ދެމަފިރިއަކު މަރުވެ، އެމީހުންގެ ދަރިފުޅަށް އަނިޔާ ވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެއާއިލާ ދަތުރު ކުރަމުން ދިޔަ ކާރަށް ވެސް ހަމަލާ އަމާޒުވިއެވެ.

ކްރިމިއާ އާއި ރަޝިއާ ގުޅުވައިދޭ ބްރިޖަށް ހަމަލާ ދީފައިވާ ކަމަށް ޔޫކްރޭނުން ބުނުމުން ރަޝިއާ އިން ފުރަތަމަ އެކަން ދޮގު ކުރިއެވެ. ނަމަވެސް މިހާރު ރަޝިއާ އިން ވަނީ ޔޫކްރޭނުން ބްރިޖަށް ހަމަލާއެއް ދީފައިވާ ކަމަށް އެއްބަސް ވެފައެވެ. ރަޝިއާ އިން ބުނާ ގޮތުގައި މިއީ ޔޫކްރޭނުން ދިން ޓެރަރިސްޓް ހަމަލާއެކެވެ.

މިހަމަލާ ދިނީ ދެ ޑްރޯން ބޭނުން ކޮށްގެން ކަމަށް ވެސް ރަޝިއާ އިން ވަނީ ބުނެފައެވެ.

ރަޝިއާ އިން ބުނާ ގޮތުގައި ޑްރޯން ހަމަލާގެ ސަބަބުން ބްރިޖަށް ގެއްލުން ލިބުނު ނަމަވެސް ބްރިޖްގެ ސްޓަކްޗަރ އަކަށް ގެއްލުުމެއް ލިބިފައެއް ނުވެއެވެ. ހަމަލާ އަމާޒުވި ލޭން އަދިވެސް އޮތީ ބަންދު ކޮށްފައެވެ. ނަމަވެސް އެހެން ލޭންތަކުން މިހާރު ބްރިޖުގައި ދަތުރު ކުރެވެއެވެ. ހަމަލާ ދިން ވަގުތުން ފެށިގެން ގަޑިއިރުތަކަކަށް ބްރިޖު ހުރަސް ދަތުރު ކުރާ ރޭލްތަކުގެ ދަތުރުތައް ވެސް މެދުކަނޑާލިއެވެ. މިހާރު ވަނީ އާއްމު އުސޫލުން ރޭލް ދަތުރުތައް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މެސީ1

    މާލަސް ނުވަނީސް ނިއުކެއް ވައްޓާލާ

  2. މަތިމަތިން

    މީގެ ނަތީޖާ ވަރަށް ހިތިވާނެ.

    11
  3. ކޮތަންބިރި.

    ކުރައިމިއާވެސް މުޅި ޔޫކުރޭނުވެސް އެއީ ރަސިއާގެ ބައެއް. ވަކި ސަރުތުތަކެއްގެ ދަށުން ވަކި ވެރިކަމެއްކުރަން ދޫކޮށްލީ. ސޯވިއެޓު ޔުނިއަން ރޫޅުމާގުޅިގެން. ޔޫކުރޭނުވަނީ އެ ޝަރުތުތަކާއި ތަކުރާރުކޮށް ހިލާފުވެފަ. އެހެންވީމަ ހާމަނާއީމެންގެ ޑުރޯންކޮޅެއް ޒެލެންސްކީގެ ބޮލަށް އޮށްސާލީމަ ތިކަމުގެ ބަދަލަކަށް ފުދޭނެ.

    5
    1