ދުނިޔޭގައި ހުރި އެންމެ ބޮޑު އޮފީސް އިމާރާތް އިންޑިއާގެ ސޫރަތްގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އޮފީސް ކޮމްޕްލެކްސްގެ ގޮތުގައި ސޫރަތު ޑައިމަންޑް ބޯރސް ވަނީ އެމެރިކާގެ ޕެންޓަގަން ފަހަތަށް ޖައްސާލައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ސޫރަތުގައި ގާއިމްކުރާ ޑައިމަންޑް ބޯސްއަކީ ވިޔަފާރީގެ ހަބަކަށް ވާނެ ކަމަށާއި، އެތަނަކީ އިންޑިއާގެ އިގްތިސާދު އިތުރަށް ކުރިއަރުވައި، ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެ ތަނަކަށް ވެގެން ދާނެ ކަމަށެވެ. 

ދުނިޔޭގެ %90 ޑައިމަންޑް ކަފާ، ޕޮލިޝްކޮށް، ޕްރޮސެސްކޮށް، ނިންމަނީ ސޫރަތްގައެވެ. ސޫރަތު ޑައިމަންޑް ބޯސްގެ ޗެއާމަން ވަލްލްބާއީ ޕަޓޭލް ވިދާޅުވީ އާ ފެސިލިޓީގައި އަހަރަކު 27 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބޯރސްއަކީ ޑައިމަންޑް ގަންނަ ފަރާތްތަކާއި، އުފައްދާ ފަރާތްތަކާއި ވިއްކާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުގައި ބެހެއްޓުމަށް އެކުލަވާލާފައިވާ ޖަމިއްޔާއެކެވެ.

މިއީ ގުޖުރާތު ސްޓޭޓް ސަރުކާރުގެ ޑައިމަންޑް ރިސާޗް އެންޑް މާކެންޓައިލް (ޑްރީމް) ސިޓީ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ ޕްރޮޖެކްޓްގެ ތެރޭގައި އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑައިމަންޑް ގްރޭޑިން އެންޑް ރިސާޗް ހިމެނެއެވެ.

މި އިމާރާތުގައި 7.1 މިލިއަން އަކަފޫޓުގެ ފްލޯ ސްޕޭސްއެއް ހުންނައިރު، 4،700 އޮފީހަށް ޖާގަ ލިބޭނެއެވެ. މިއީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 388 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ އިމާރާތެކެވެ. 65،000 މަސައްކަތްތެރިން ތިބޭ ގޮތަށް ފަރުމާކޮށްފައިވާ ބޯސްގައި 131 ލިފްޓް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޮނުވާ

    ގާޒީ ބިލްޑިންގަށް ވުރެވެސް ބޮޑުވާނެތަ؟

  2. ކޮސްބެ

    ތީ ފޮށިގަނޑެއްނުން މިޒަމާނާއި ނުގުޅޭ ހަތެރެސްކަން ފޮށި އިމާރާތެއް ދެއްތޯ.

    3
    2