މެލޭޝިޔާގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެއް އެކުދިންގެ ޓީޗަރަކާއި ދެކޮޅަށް ދައުވާކޮށް 5ލައްކަ ރުފިޔާ ނުވަތަ 150,000 މެލޭޝިޔަން ރިންގިޓް ހޯދައިފިއެވެ.

މި ކުދިން ދައުވާކޮށްފައި ވަނީ 2017 ވަނަ އަހަރު އެކުދިންގެ ޓީޗަރު 7 މަސް ދުވަސް ވަންދެން ކްލާހަށް ނާންނަކަމަށް ބުނެ 2020ވަނަ އަހަރުގެ ތެރޭގައެވެ. އުމުރުން 22 އަހަރުގެ މި 3 ކުދިން ވަނީ އެ ގައުމުގެ ގާނޫނުގައި ވާގޮތުން ތައުލީމު ހާސިލް ކުރުމުގެ ހައްގަށް އެ ޓީޗަރު ހުރަސް އެޅިކަމަށް ކޯޓުގައި ބުނެފައެވެ.

ޓީޗަރުގެ އިތުރުން އެ ކުދިން ވަނީ އެ ޔުނިވާސިޓީގެ ޕްރިންސިޕަލާއި, އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ސަރުކާރު ވެސް މި ދައުވާގައި ހިމަނާފައެވެ. މި މައްސަލަ އެ ގައުމުގެ ހައި ކޯޓުން ނިންމާފައި ވަނީ ދައުވާކުރި ކުދިންނާއި އެއްކޮޅަށެވެ.

މިގޮތަށް ޙުކުމް ކުރަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ 74 ސަފްހާގެ ދިގު ބަޔާނެއް އިއްވާފައެވެ. އަދި އެ ޓީޗަރު ކިޔަވައިދޭން ނައުމުން އެކަމުގެ ގެއްލުން ދަރިވަރުންނަށް ވާނެކަމާއި އަދި މިއީ ދަރިވަރުންގެ އަސާސީ ހައްގުތަކަށް ވެސް އުނިކަން ލިބި, އާއްމުންގެ މެދުގައި ގައުމުގެ ތައުލީމީ ސިޔާސަތުތަކާއި މެދު ސުވާލު އުފައްދާނޭ ކަމެއްކަން ފާހަގަކޮށްފައެވެ.

ކޯޓުގައި ޙުކުމުގައި އެ ޓީޗަރުގެ އިތުރުން ދެން ދައުވާ ލިބޭ ފަރާތްތައް ކަމުގައިވާ ސަރުކާރާއި އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުވެސް މިކަމުގައި އޮތްކަމަށް އަލި އަޅުވާލިއިރު ބެލެވޭ ގޮތުގައި މިފަދަ ބޮޑު ގެއްލުމުގެ ބަދަލެއް ދަރިވަރުންނަށް ދޭން ކޯޓުން ޙުކުމް ކޮށްފައި ވަނީ ޓީޗަރުންގެ ފަރާތުން އެފަދަ ކަންކަން ތަކުރާރުވެދިޔަ ނުދިނުމުގެ ގޮތުންނެވެ.