އިސްރާއީލްގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ފަލަސްތީނުގެ ކުޑަ ކުއްޖަކާއި ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ބުނީ، އެޒުވާނާއާއި ކުއްޖާ ޝަހީދުކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކަމަށެވެ.

ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ އެއް ކުއްޖަކީ އުމުރުން 17 އަހަރުގެ މުހައްމަދު ފުއާދް އަތާ އަލް-ބައިދް ނަމަކަށް ކިޔާ ކުއްޖެކެވެ. އެކުއްޖާ ޝަހީދު ކޮށްލާފައިވަނީ އިސްރާއީލުން ސަފާ އަވަށަށް ވަދެގެންނެވެ.

އިސްރާއީލްގެ ހެލްތް މިނިސްޓްރީން ބުނީ، އެކުއްޖާ ޝަހީދު ކޮށްލާފައިވަނީ ބޮލަށް ބަޑި ޖަހައިގެން ކަމަށެވެ.

އިސްރާއީލުން ދެން ޝަހީދު ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ ފާޒީ މަކަލްފޭ ނަމަކަށް ކިޔާ ކުއްޖެކެވެ. އެކުއްޖާ ޝަހީދު ކޮށްލާފައިވަނީ އޭނާ އާއި އިތުރު މީހަކު ދުއްވާފައި ދިޔަ ކާރަކަށް ހުއްޓުމެއް ނެތި ބަޑި ޖަހައިގެން ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ސެބަސްޓިއާ އަވަށުގައި އެޒުވާނާ ޝަހީދު ކޮށްލާފައިވާއިރު، އޭނާއާއި އެކީ ދެން ކާރުގައި ހުރި މީހާއަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

އިސްރާއީލް ސިފައިންގެ އިއްޔެ މިހަމަލާ ދީފައިވާއިރު، މީގެ ހަވަރަކަށް ދުވަސް ކުރިން ވެސް އިސްރާއީލް ސިފައިން ވަނީ ޖެނިންގައި ހަމަލާއެއް ދީ ހަވަރަކަށް ފަލަސްތީނުގެ މީހުން ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ފަލަސްތީނުގެ ކުށެއް ނެތް ގިނަ ބަޔަކު ޝަހީދު ކޮށްލާފައިވާއިރު، މިއަހަރު ފެށުނު ފަހުން ވެސް އިސްރާއީލުން ވަނީ 150 އަށްވުރެ ގިނަ ފަލަސްތީނުގެ މީޙުން ޝަހީދު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު