ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގެ ވިޔަފާރި ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް ފާއިތުވީ ހަ މަސް ދުވަހުގެ ތެރޭގައި ޗައިނާގެ ވިޔަފާރި އައީ މަޑުމަޑުން ކުރިއަރަމުންނެވެ. ޗައިނާއަކީ ވިޔަފާރީގައި ކުރި ހޯދަމުން އައި ގައުމަކަށްވާތީ ލިބުނު ގެއްލުންތައް ފޫބައްދާ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ލޯން ދޫކުރަން ޗައިނާ ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.

ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކަމިޝަން (އެންޑީއާރުސީ) އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގެ ވިޔަފާރިވެރިންނަށާއި ޕޮލިސީ މޭކަރުންނަށް ލޯނު ދޫކުރާގޮތަށް މިވަނީ ހަމަޖެހިފައެވެ.

ޗައިނާ ސަރުކާރުން ބޭނުންވަނީ އެ ގައުމު ކުރިން އޮތް ހާލަތަށް ގެނައުމަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުން ވެގެންދާނީ ގައުމުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ޗައިނާއަކީ ގިނަ ގައުމުތަކަށް މުދާ ފޯރުކޮށްދޭ ވިޔަފާރި ހަބެކެވެ. އެހެންކަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އެދުމުގެ މަތިން ގައުމުގެ ޕްރައިވެޓް ސެކްޓާތައް ކުރިއެރުވުމަށް ޗައިނާއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ފާއިތުވީ މެއިމަހު ޗައިނާއިން ވަނީ އެމެރިކާއެކު ވިޔަފާރި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެމެރިކާއިން ދެކޭ ގޮތުގައި ޗައިނާގެ ވިޔަފާރި ގުޅުމަކީ ދުނިޔެއަށް ވަރަށް މުހިންމު ގުޅުމެކެވެ.

ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް، ޗައިނާ އާއި ރަޝިޔާއާ ދެމެދު ކުރި ވިޔަފާރީގެ މުއާމަލާތްތަކުގެ ޖުމްލަ އަގު 93.8 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. މިއީ 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ކުރި ވިޔަފާރިއަށް ވުރެ 40.7 އިންސައްތަ އިތުރު މިންވަރެކެވެ.

ޗައިނާ އިން ރަޝިޔާއާ އެކުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރި ނަމަވެސް، ޗައިނާ އާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ ދެމެދު ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތައް ދިޔައީ ދަށަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާ، ޓައިވާން، ދެކުނު ކޮރެއާ އަދި ނިއުޒީލޭންޑާ އެކުގައި ޗައިނާ އިން ކުރި ވިޔަފާރީގެ މުއާމަލާތްތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދިޔައީ ދަށަށެވެ. ޓައިވާނާއި ޗައިނާއާ ދެމެދު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތައް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވަނީ 25 އިންސައްތަ ދަށަށް ގޮސްފައެވެ.

އޭގެ އިތުރުން އެމެރިކާ އާއި ޗައިނާއާ ދެމެދު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ކުރި ވިޔަފާރީގެ މުއާމަލާތްތައް ވަނީ 12.3 އިންސައްތަ ދަށަށް ގޮސްފައެވެ.

ޗައިނާގެ އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުން ވަޒީފާ ދޫކޮށްލުމާއި ވިޔަފާރި ދަށަށް ދިޔުމުން ޗައިނާގެ އިގްތިސާދަށް ވަނީ އޭގެ އަސަރުކޮށްފައެވެ. މުވައްޒަފުންގެ ބޯނަސްތައް މަދުވެ، ކުރިން ލިބެމުން އައި ވަރަށްވުރެން މުސާރަ ފިޔަވައި ބައެއް އިނާޔަތްތައް ކުންފުނިތަކުން މަދުކޮށްފައިވާ ކަމުގެ ޝަކުވާވެސް މީހުން ދަނީ ކުރަމުންނެވެ. އަދި މިހާލަތުގައި މުވައްޒަފުން ނެގުމާއި އިންވެސްޓުކުރުން މިވަނީ މެދުކަނޑާލާފައެވެ. އެހެންކަމުން އަލުން އަނބުރާ އެކުންފުނިތައް ނަގާ ކޮޅަށް ޖެހުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ބޭއްވުނު ބައްދަލުވުމުގައި ނިންމާފައިވަނީ އަމިއްލަ ކުންފުނިތަކާއި ކުދި ވިޔަފާރިތަކަށް ލޯނު ދޫކޮށްގެން އެ ވިޔަފާރި ފުޅާކުރުމަށެވެ.

ޗައިނާގެ ސަރަހައްދީ ސަރުކާރުތަކަށް ވަނީ ކޯވިޑްގެ ފަހުން ގިނަ މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ބައެއް ޕްރޮވިންސްތަކުގެ ދަރަނިތައް ވަނީ އިންތިހާއަށް އިތުރު ވެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ ޕްރޮވިންސްތަކުގެ މާލީ ދަތިކަމުން އަރައި ގަތުމަށް މަރުކަޒީ ސަރުކާރުން އެހީވާކަށްވެސް ބޭނުމެއް ނުވެއެވެ. ޕްރޮވިންސްތަކުގެ ސަރުކާރުތައް އަމިއްލަ ފައިމައްޗަށް ތެދުވެ، މާލީ ތަނަވަކަސްކަން ލިބުމުން މަރުކަޒީ ސަރުކާރަށް ހިންގުމުގައި ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭތީ ފިއްތާލަނީކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު