ގިނަ ބަޔަކާ އެކީ ދަތުރުކުރަމުން ދިޔަ ކާރެއް ކޯރަކަށް ވެއްޓި 6 ފުލުހުން ހިމެނޭހެން 7 މީހަކު މަރުވެއްޖެއެވެ.

އިންޑިޔާގެ ޝިމްލާގައި 11 މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ކާރެއް ކޯރަކަށް ވެއްޓި 7 މީހުން މަރުވެ 4 މީހުން ޒަޚަމްވެއްޖެއެވެ. އިއްޔެ ހިގާދިޔަ މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި 6 ފުލުހުން ހިމެނެއެވެ.

މިހާދިސާ ހިނގާފައިވަނީ ޝިމްލާގެ ޗަމްބާ އަވަށުގައެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ފަރުބަދަ ކައިރީ އޮތް މަގަކުން ކާރު ދަތުރުކުރަމުން ދަނިކޮށް ފަރުބަދަމަތީ ބިންގަނޑު ކަނޑައިގެން ގޮސް ކާރުގެ މައްޗަށް ވެއްޓުމުން ކާރު ކޮންޓްރޯލުން ނެއްޓި ކޯރަށް ވެއްޓުނީއެވެ.

މިކަމާއި ގުޅިގެން ހިތާމަ ފާޅުކުރަމުން އިންޑިޔާގެ ޗީފް މިނިސްޓަރ ސުކްވިންދަރު ސިންގ ސުކޫ ވިދާޅުވީ މިހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށް ވީހާވެސް ރަނގަޅުއ ފަރުވާއެއް ދިނުމަށާއި މަރުވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ޕާޓީ ބީޖޭޕީން ވަނީ މިމައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކޮށްދިނުމަށް އެދިފައެވެ.

އިދިކޮޅުން ޕާޓީން ބުނާގޮތުން މި މަގަކީ މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގި މަގަކަށްވާތީ އެމަގު އޮތީ ބަންދުކޮށްފައެވެ. އެހެންނަމަވެސް މިސަރުކާރުން އެމަގު ހުޅުވާލިއިރު މިފަދަ ކަމަކާމެދު ނުވިސްނާ ކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްކޮޅަކަށް ވާތީ މޫސުމާއި ބެހޭ އިދާރާއިން ވަނީ ރީދޫ އެލާޓް ނެރެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުން މިމަހު 12 އަދި 13 ވަނަ ދުވަހުވެސް އިންޑިޔާއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި މިމަހު 17 ވަނަ ދުވަހާ ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ހަމައެއާއެކު ބިންގަނޑު ކަނޑައިގެން ދިޔުމާއި، ފެންބޮޑުވުމުގެ ގިނަ ހާދިސާތައް ހިނގާނެ ކަމަށް ލަފާކޮށް ސަލާމަތީ ފިޔަވަޅުތައް އަޅައި ދަތުރު ކުރުމުގައި ސަމާލު ވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޤައުމުގެ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވިއްސާރައިގެ ސަބަބުން 24 ޖޫން އިން ފެށިގެން އިއްޔެގެ ނިޔަލަށް 234 ހާދިސާ ވަނީ ހިނގާފައެވެ. ބިންގަނޑު ކަނޑައިގެންދިޔުމުގެ 83 ހާދިސާ ހިގާފައިވާއިރު 39 މީހުން ވަނީ މަރުވެފައެވެ. އަދި 97 މީހުން މަރުވެފައިވަނީ މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު