އިންޑިއާގެ މުމްބާއީގެ ތާނޭ ޑިސްޓްރިކްޓްގެ ކަލްވާ ސަރަހައްދުގައި ހުންނަ ޗަތުރަޕަތީ ޝިވާޖީ މަހާރާޖް ހޮސްޕިޓަލުގައި ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މަރުވި ބަލި މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދީފައިވޭތޯ ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމައިފިއެވެ.

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން 18 މީހަކު ވަނީ މަރުވެފައެވެ.

ތާނޭ މުނިސިޕަލް ކޮމިޝަނަރު އަބީޖީތު ބަންގަރް ވިދާޅުވީ އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ.

"ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 18 މީހަކު ވަނީ މަރުވެފައި. މަރުވި ބައެއް މީހުންނަކީ ކިޑްނީގެ ކްރޮނިކް ޑިޒީޒް، ޕެރަލައިސިސް، ނިއުމޯނިއާ، ސެޕްޓިސީމިއާ، ވިހަވުން، މަގުމަތީގެ އެކްސިޑެންޓްތަކާއި އެހެނިހެން ސަބަބުތަކާއި ހެދި ފަރުވާ ހޯދަމުން ގޮސްފައިވާ މީހުން. މި ބަލި މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ލިބިފައިވޭތޯ ބެލުމަށް ޓަކައި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ކޮމިޓީއެއް އެކުލަވާލާނެ،" މުނިސިޕަލް ކޮމިޝަނަރު ވިދާޅުވިއެވެ.

މިގޮތުން މި މީހުންނަށް ފަރުވާދިން ގޮތްތައް ތަހުގީގުކޮށް މަރުވި މީހުންގެ ގާތް ތިމާގެ މީހުންގެ ބަޔާން ފަދަ ތަކެތި ނެގުމަށް ވަނީ ނިންމާފައެވެ.

"ބައެއް ގާތް ތިމާގެ މީހުން ހާމަކޮށްފައި ހުރި އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް މައްސަލައެއް، އެ މައްސަލަ ތަހުގީގު ކޮމިޓީން ބަލާނެ،" ބަންގަރް ވިދާޅުވިއެވެ.

"500 މީހުން ހިމެނޭ މުޅި ކޮވިޑް ސްޓާފުން މި ހޮސްޕިޓަލަށް ބަދަލުކޮށް، އިތުރު ނާސިން ސްޓާފުން މިހާރު ވަނީ ހަމަޖައްސާފައި. އަޅުގަނޑުމެންގެ އަމާޒަކީ 24 ގަޑިއިރު މިތަނުގައި ޕޯސްޓްމޯޓަމް ފެސިލިޓީ އެއް ގާއިމުކުރުން.". އޭނާ ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރެއިން 12 މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު