ސައުދީ އަރަބިއްޔާ އިން ފަލަސްތީނަށް ކަނޑައެޅި ސަފީރު ނާއިފް އަލް-ސުދައިރީއަށް ގުދުސްގައި ގާއިމުވެ ނުހުރެވޭނެ ކަމަށާއި، އޭނާގެ އޮފީހެއް ވެސް ގުދުސްގައި ނުހުޅުވޭނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

މިއީ ސައުދީ އަރަބިއްޔާ އިން ފަލަސްތީނަށް ސަފީރަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ. ސައުދީ އަރަބިއްޔާ އިން ފަލަސްތީނަށް އައްޔަން ކުރެއްވީ ނޮން-ރެސިޑެންޝަލް ސަފީރެކެވެ. އެހެންކަމުން ސަފީރު ފަލަސްތީންގައި ގާއިމުވެއެއް ނުހުންނަވާނެއެވެ. ނަމަވެސް ގުދުސްގައި ކައުންސެލް ޖެނެރަލްގެ އޮފީހެއް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާ އިން ފަލަސްތީނަށް ކަނޑައެޅި ސަފީރު ނާއިފް އަކީ މިހާރު ޖޯޑަންގެ ސަފީރު ކަމުގެ މަގާމުގައި ވެސް ހުންނެވި ބޭފުޅާއެވެ. އޭނާ ގާއިމުވެ ހުންނަވަނީ އައްމާންގައި ހުންނަ އެމްބަސީގައެވެ.

އިސްރާއީލްގެ ފޮރިން މިނިސްޓަރ އެލީ ކޯހެން ތެލްއަވީވްގެ ރޭޑީއޯ ސްޓޭޝާނަކަށް މައުލޫމާތު ދެމުން ބުނީ ސައުދީ އަރަބިއްޔާގެ ސަފީރަށް އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށާއި ނަމަވެސް ރަސްމީ ހައިސިއްޔަތުން ގުދުސްގައި ނުހުރެވޭނެ ކަމަށެވެ. "ގުދުސްގައި ގާއިމުވެ ހުރެވޭނެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ނޫން. އެކަމެއް ނުކުރެވޭނެ. އެކަމަކަށް ހުއްދައެއް ނޯންނާނެ." ފޮރިން މިނިސްޓަރ އެލީ ބުންޏެވެ.

ސައުދީ އަރަބިއްޔާ އިން ފަލަސްތީނަށް ސަފީރަކު އައްޔަން ކުރި ނަމަވެސް އެއީ ހެޔޮނިޔަތެއްގައި ކުރި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ޝައްކު ކުރެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ އަރަބިއްޔާ އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލާއިއެކު ހާރިޖީ ގުޅުން ގާއިމު ކުރުމަށެވެ. އިސްރާއީލާއިއެކު ސައުދީ އަރަބިއްޔާ އިން ހާރިޖީ ގުޅުން ގާއިމު ކުރުމުން އަރަބި ދުނިޔޭގައި ސައުދީ އަރަބިއްޔާ އަށް ކުރިމަތިވެދާނެ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ކުރީބައިގައި ފަލަސްތީނަށް ސަފީރަކު އައްޔަން ކުރީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ސައުދީ އަރަބިއްޔާ އާއި އިސްރާއީލްގެ ގުޅުން ބަދަހި ކުރުމަށް ދެގައުމުގެ އޮފިޝަލުން މަޝްވަރާ ކުރަމުން ގެންދާކަން އިސްރާއީލުން ވެސް އަދި ސައުދީ އަރަބިއްޔާ އިން ވެސް ކަށަވަރު ކޮށްދެއެވެ.