ދެ ދުވަސް ތެރޭގައި އިންޑިއާގެ ދެ ޕައިލެޓަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

މީގެ ތެރެެއިން އެއް ޕައިލެޓް މަރުވެފައި ވަނީ ނާގްޕޫރުގެ ބޯޑިން ގޭޓެއްގައި އިންޑިގޯ ފްލައިޓްގެ ކެޕްޓަނަކު މިއަދު ހޭނެތިގެން ވެއްޓުނު ފަހުންނެވެ. އޭގެ އިތުރުން އިއްޔެ ގަތަރު އެއާވޭސް ފްލައިޓެއްގެ ޕައިލެޓަކަށް ހާޓް އެޓޭކެއް ޖެހިގެން ވަނީ މަރުވެފައެވެ.

އިންޑިގޯގެ ކެޕްޓަން މަރުވެފައި ވަނީ ނާގްޕޫރުން ޕޫނޭއަށް ދަތުރެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިގޮތުން އޭނާ ބޯޑިން ގޭޓާ ހަމައަށް ދިޔަ ތަނުން ހޭނެތުނީއެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ޕައިލެޓް ވަނީ އިއްޔެ ފަތިހު 3:00 އިން ހެނދުނު 7:00 އާ ދެމެދު ޓްރިވެންޑްރަމްއިން ފެށިގެން ނާގްޕޫރު މަގުން ޕޫނޭ އާ ހަމައަށް ދެ ދަތުރެއް ކޮށްފައެވެ. އަދި އޭނާ އަށް 27 ގަޑިއިރު އަރާމު ކޮށްލެވުނު އިރު މިއަދު ހަތަރު މަންޒިލަކަށް ފުރުމަށް އޮތީ ޝެޑިއުލް ކުރެވިފައެވެ.

އޭނާ ހޭނެތިގެން ވެއްޓުނީ މެންދުރު ފަހު 1:00 އަށް ތާވަލުކުރި ދުވަހުގެ ފުރަތަމަ ފުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ގަތަރު އެއާވޭސްގެ ޕައިލެޓް މަރުވެފައި ވަނީ އިއްޔެ އިތުރު ފަޅުވެރިއެއްގެ ގޮތުގައި ދިއްލީ-ދޯހާ ފްލައިޓްގައި ފަސެންޖަރުނާއެކު ދަތުރުކުރަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

އޭނާ ވަނީ މީގެ ކުރިން ސްޕައިސްޖެޓާއި އެލަޔަންސް އެއާ އަދި ސަހަރާގައި ވެސް މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތި ދެ މީހުން ނޫނަސް އެތައް ބަޔަކު މިހާރު ކުއްލި މަރުތަކުން މަރުވަމުން އެބަދެއެވެ. ތި ދެ މީހުންގެ ކުއްލި މަރުގެ ވާހަކަ ދައްކަނީ ދެ ޕައިލެޓުން ކަމުގައި ވާތީތާއެވެ. އިންޑިއާގައި ހިމާރު ދުއްވާ ކިތައް މީހުން ކުއްލި މަރުން މިދުވަސްވަރު މަރުވެފައިވޭތޯ ބަލައިލަބަލާށެވެ! ދުނިޔޭގެ ކަންކޮޅުތަކުގައި ވެސް މިހާރު ވަނީ ކުއްލި މަރުތައް ގިނަވެފައެވެ. އެއީ ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ބޮޑު ޢަލާމާތެކެވެ.

    7
    3