އިންޑިއާގެ ބިހާރުގެ އަރަރިއާ ޑިސްޓްރިކްޓްގެ ނޫސްވެރިޔަކު މަރާލައިފިއެވެ.

އުމުރުން 35 އަހަރުގެ ވިމަލް ކުމާރު ޔާދަވް އަކީ ދައިނިކް ޖަގަރަން ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.

ބިހާރް ފުލުހުން ބުނީ އެ ނޫސްވެރިޔާ މަރާލާފައި ވަނީ އޭނާ ގޭގައި ހުއްޓާ މިއަދު ހެނދުނު ގަޔަށް ބަޑިޖަހައިގެން ކަމަށެވެ.

ރާނީގަންޖް ބާޒާރު ސަރަހައްދުގައި މި ހާދިސާ ހިނގުމާއެކު ޗީފް މިނިސްޓަރު ނިތީޝް ކުމާރު ވަނީ މިއި ހިތާމަވެރި ހާދިސާއެއް ކަމަށް ސިފަކުރައްވައި، އެކަން ތަހުގީގު ކުރުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ.

"ނޫސްވެރިޔަކު މިގޮތަށް މަރާލާނީ ކިހިނެއްތޯ.". ޕަޓްނާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 5:30 އެހާކަންހާއިރު ހަތިޔާރު އެޅި މީހުން އޭނާގެ ދޮރުގައި ޓަކި ޖަހައި، އޭނާގެ ނަމުން ގޮވަން ފެށުމުން، ދޮރު ހުޅުވިތަނާހެން ބަޑި ޖެހީ ކަމަށެވެ.

މިއާއެކު މިއަދު ފަތިހު 5:35 އެހާކަންހާއިރު ލޯކަލް ޕޮލިސް ސްޓޭޝަންގެ ވެރިޔާ އެތަނަށް ގޮސް މައްސަލަ ތަހުގީގު ކުރަން ވަނީ ފަށައިފައެވެ.

ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފޮރެންސިކްސް ޓީމަކާއި ޑޯގް ސްކޮޑެއް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި އޭނާގެ އަވަށްޓެރިންނާ އެކު ޒަމާންވީ ދެކޮޅުވެރިކަމެއް އުފެދުމަކީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު