އިންޑިއާއަށްވުރެ ކުރިން ހަނދުގެ އަނދިރި ފަރާތަށް ތިރި ކުރަން އުޅުނު ރަޝިޔާ އުޅަނދު ވެއްޓި ގޮވައިފިއެވެ.

އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދަށް ވުރެ ކުރިން ހަނދުގެ އަނދިރި ފަރާތަށް ތިރިކުރަން އުޅުނު ރަޝިޔާގެ އުޅަނދު ތިރިކުރަން އުޅުމުގެތެރޭ ވަނީ ވެއްޓިފައެވެ.

މިއީ ސޯވިއެޓް ޒަމާނަށް ފަހު، 47 އަހަރު ފަހުން ހަނދަށް އުޅަނދެއް ފޮނުވަން ރަޝިޔާއިން މަސައްކަތްކުރި ފުރަތަމަ ފަހަރެވެ. ފުރަތަމަ މިޝަންވެސް ވަނީ ނާކާމިޔާބުވެފައެވެ.

ރަޝިއާގެ ސްޕޭސް ކޯޕަރޭޝަން، ރޮސްކޮސްމޮސް އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އުޅަނދު ހަދުގައި ޖެއްސުމާ ގާތްވެފައި ވަނިކޮށް ޖީއެމްޓީ ގަޑިން މިއަދު 11:57 ގައި އެ އުޅަނދާ ގުޅުން ވަނީ ކެނޑިފައެވެ. އެހެންކަމުން އެ އުޅަނދު ހަނދަށް ތިރިކުރަން އުޅުމުގެތެރޭ ގުޅުން ކެނޑި އުޅަނދު ވެއްޓި ގޮވީ ކަމަށް ވަނީ ނިންމާފައެވެ.

އެހެންނޫންނަމަ މާދަމާ އަކީ 'ލޫނާ 25' ގެ ނަމުން ނަންދީފައި ވާ އެ އުޅަނދު ހަނދުގައި ޖައްސާނެ ދުވަހެވެ. އެހެންނަމަވެސް ޕްލޭނާ އެއްގޮތަށް ކަންތައް ނުވުމުން ރަޝިއާގެ ސްޕޭސް ކޯޕަރޭޝަން ވަނީ މާޔޫސްކަމެއްގެ ތެރޭގައެވެ.

ރޮސްކޮސްމޮސް އިން ބުނީ، އުޅަނދާ ގުޅުން ކެނޑި އޭތި އޮންނަންވީ މިސްރާބު ކަސިޔާރުވެ ހަނދުގެ ބިމުގައި ޖެހި ގޮވާފައިވާ ކަމަށެވެ.

މި ކަަން ހިނގައި ދިޔަ ގޮތް ބެލުމަށް މިހާރު ހާއްސަ ކޮމިޓީއެއް އެކުލަވާލާފައި ވާ އިރު، މިއީ ހަނދަށް ދިޔުމުގެ ރޭހަށް ވަނުމަށް ރަޝިއާއިން ކުރި މަސައްކަތުގައި ޖެހުނު ބޮޑު ލައްގަނޑެއް ކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާއިންވެސް ވަނީ ހަނދަށް އުޅަނދު ފޮނުވާފައެވެ. ޗަންދްރަޔާން 3' ގެ ނަމުން ނަންދީފައިވާ މިއުޅަނދު މި ހަފްތާގައި ހަނދަށް ތިރިކުރާނެއެވެ. އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ބުނެފައި ވާ ގޮތުގައި، ތާވަލާ އެއްގޮތަށް ގޮސްފިނަމަ އެގައުމުގެ އުޅަނދު ހަނދުގައި ޖައްސާނީ އަންނަ ބުދަދުވަހުއެވެ. މި ދަތުރުގައި ދުނިޔޭގެ ރެކޯޑް ހެދޭނެ ކަމަށް އުއްމީދު ކުރާ އިރު، އެގައުމުގެ އުޅަނދު ޖައްސަން ނިންމާފައި އޮތީ ހަނދުގެ އަނދިރި ފަރާތަށެވެ. އެފަރާތަށް އަދި އެއްވެސް ގައުމެއްގެ އުޅަނދެއް ގޮސްފައެއް ނުވެއެވެ.

މިއަދު ވެއްޓި ގޮވި ރަޝިއާގެ އުޅަނދަކީވެސް ހަނދުގެ އަނދިރި ފަރާތަށް ޖައްސަން މަސައްކަތް ކުރި އުޅަނދެކެވެ.

ސޯވިއެޓް ޒަމާނުގައި ރަޝިއާ އަކީ، ސްޕޭސް ޓެކްނޮލިޖީގައި އެހެން ގައުމުތަކާ ވާދަ ކުރި އަދި ދުނިޔޭގެ އޯބިޓަށް އެންމެ ފުރަތަ ސެޓެލައިޓެއް އެރުވި ގައުމުގެ ޝަރަފުވެސް އޮތް ގައުމެކެވެ. 1957 ގައި އެރުވި އެ ސެޓެލައިޓަކީ 'ސްޕްޓްނިކް 1' އެވެ. ހަމަ އެއާއެކު ސްޕޭސް އަށް އެންމެ ފުރަތަމަ ދަތުރު ކުރި އިންސާނާގެ ލަގަބުވެސް އޮންނަނީ ސޯވިއެޓް ޔޫނިއަން އަށެވެ. އެއީ ރަޝިއާ އަށް ނިސްބަތްވާ ޔޫރީ ގަގާރިންއެވެ. އޭނާ ސްޕޭސް އަށް ދިޔައީ 1961 ގައެވެ. އޭގެފަހުން ރަޝިއާއިން ހަނދަށް ދިޔުމުގެ އެއްވެސް މިޝަނެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އިންޑިއާއަކީ ޗައިނާ، އެމެރިކާ، އަދި ސޯވިއެޓް ޔޫނިއަންގެ އިތުރުން ހަނދަށް ދާ 4 ވަނަ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާަމަރީ

    އެމެރިކާއިން ތިޔަ އުޅަނދަށް ގޮތެއްހެދީކަމަށްވާނީ....

    13
    1
  2. މަކީރަ

    ހަނދުގަ ތިބޭނެ އެމެރިކާ މީހުން. އެމީހުން ތި ވައްޓާލީ.

    12
  3. މުރާސިލު

    އިންޑިއާއަކަށް ކާމިޔާބެއްނުވާނެ އިންޝާﷲ.

    5
    1
  4. ރިހާން / ވައިކަރަދޫ

    ތީ ހަދުގެ ފޮޓޯ އެއް ނޫން. ތީ ވާރެ ވެހި ޗަކަ ވެފަ އޮއް ވައިކަރަދޫ ބަދަރު ކާރިން ނަގާފައިވާ ފޮޓޯއެއް