އިސްރާއިން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވަމުންދާ މީހުންގެ އަދަދާމެދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސުވާލު އުފައްދަވައިފިއެވެ.

ޣައްޒާގައި ވެރިކަން ކުރަމުންދާ ހަމާސްއިން އާންމު ކުރަމުންދާ މައުލޫމާތަށް ބަލާއިރު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 6،500 އަށް ވުރެ މީހުން ވަނީ ޝަހީދުވެފައެެވެ.

އެކަމަކު އިސްރާއިލުން ބިމާ ހަމަކޮށްލައިފައިވާ އެތައް އިމާރާތެއް ހުރި އިރު އެތަންތަނުގެ ދަށުގައި ޝަހީދުވެފަައި ތިބި މީހުންގެ އަދަދާއެކު ޝަހީދުވީ މީހުންގެ އަދަދު އެއަށް ވުރެ ވެސް ގިނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްޒާގައި ޝަހީދުވަމުންދާ އަދަދާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބައިޑެން ވިދާޅުވީ ކުށެއް ނެތް ރައްޔިތުން ޝަހީދުވަމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިސްރާއިލުން ހަމަލާތައް ދޭއިރު ބަލައިގެން ހަމަލާ ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޣައްޒާގައި ޝަހީދުވަމުންދާ މީހުންގެ އަދަދާމެދު އިތުބާރެއް ނެތް ކަަމަށް ބައިޑެން ވިދާޅުވިއެވެ.

ނަމަވެސް ޝަހީދުވީ މީހުންގެ އަދަދާމެދު ޝައްކު ކުރައްވަނީ ކީއްވެގެން ކަމެއް ބައިޑެން ވިދާޅެއް ނުވެއެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެށެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނަ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.

ހަނގުރާމަ ހުއްޓުމަށް އދ. އަށް ގަރާރެއް ހުށަހަޅި ނަމަވެސް އެ ގަރާރު އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.