އިސްރާއިލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އިސްރާއީލާއި ގުޅުން ކަނޑާލަން ސްޕެއިންގެެ މިނިސްޓަރަކު ޔޫރަޕިއަން ޔޫނިއަންއަށް ގޮވާލައްވައިފިއެވެ.

ސްޕެއިން ސޯޝަލް ރައިޓްސްގެ އެކްޓިން މިނިސްޓަރު ލޯނޭ ބެލާރީ ވަނީ އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެ ގައުމަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި އިސްރާއިލާއެކު އޮންނަ ގުޅުން ކަނޑާލަން ޔޫރަޕިއަން ޔޫނިއަންއަށް ގޮވާލައްވައިފައެވެ.

ލޯނޭ ވިދާޅުވީ، އިސްރާއިލުން ގައްޒާގައި ހިންގަމުންދާ ގަތުލު އާންމު ހުއްޓުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ހަމަ އެހެންމެ އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.

ލޯނޭ އިތުރަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން އިންސާނީ އެންމެ އަސާސީ ވަސީލަތްތަކުން މަހުރޫމްކޮށްފައި ބޭތިއްބުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި އިސްރާއިލުން ގެންގުޅޭ ނަސްލީ އިމްތިޔާޒްއަށް އެެމެރިކާއާއި އީޔޫއިން ހިތްވަރު ދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެނެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. އިސްރާއިލުން ބުނާ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.

ހަނގުރާމަ ހުއްޓުމަށް އދ. އަށް ގަރާރެއް ހުށަހަޅި ނަމަވެސް އެ ގަރާރު އެމެރިކާއިން ވަނީ ބޭރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަދި ކިރިޔާ ރަގަޅު އެއްޗެއް ތި ކިޔަނީ!

    20
  2. މުސްލިމުންނަކީ އެއްބައެއް

    މުސްލިމު ޤައުމުތަކުން ޔަހޫދީންނާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލަންވެއްޖެތާ އެތައްދުވަހެއްވެއްޖެ! މިހަނގުރާމަ ފެށުނު ދުވަހުންފެށިގެން ޔަހޫދީންގެ ޕްރޮޑަކްޓްތައް ''ބޭން'' ކުރަންޖެހޭ! އެމީހުންނާ އޮތް ހުރިހާ ގުޅުމެއްކަނޑާލަންޖެހޭ. އެކަމަކު މިފަދަ ބަހެއް ވެސް ބުނެލާތަން ނުފެނޭ. އަދުގެ ދުނިޔޭގައި މުސްލިމު ޤައުމުތަކުގެ އިސްވެރިންވަނީ ''ހުޅަނގު ރުއްސުން'' އެންމެ މުހިއްމުކަމަކަށް ހަދާފަ. އެމީހުންނުރުހޭ ކަމެއްކުރަން ކީއްކުރަން ބަހެއްވެސް ބުނަން ޖެހިލުންވޭ. މިއީ މުސްލިމުންނަށް ހުރި ހިތާމައެއް. ހިތްވަރުނެތް ވެރިންނެއް ބޭނުމެއްނޫން!
    ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޔަހޫދީންގެ އަނިޔާވެރިކަމާދެކޮޅަށް އަޑު އުފުލާ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑަށް ޝުކުރިއްޔާ!
    ދުނިޔޭގައި ޢަމަލުކުރަމުންދާ ބައިނަލް އަޤްވަމީ އުޞޫލުތަކަކީ ނުވަތަ އެއުޞޫލުތައް ތަންފީޒުކުރުމަށް ހަވާލުވެ ތިބޭ ފަރާތްތަކަކީ ޢަދުލުވެރި ބައެއްނަމަ މިހާރު ތިޔަ ޔަހޫދީންގެ އިސްވެރިންތިބީހީ ދަގަނޑުތޭރިތަކުގެ ފުރަގަހުގަ ބަންދުކުރެވިފައި. އޭގެ ބަދަލުގައި އެފަރާތްތަކުން ކުރާކަމަކީ އެއަނިޔާވެރިންނަށް އެކި ގޮތްގޮތުން ހިތްވަރުދިނުން. މީޙުންވާ ވައްދަން ހުޅަނގުން ރީތި ނަންކިޔައިގެން ގެންގުޅޭ ހުރިހާ ދަންތުރަތަކަކަށް 'ނޯ' ބުނަން މުސްލިމުން ދަސްކުރަންވެއްޖެ!