ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

އިސްރާއީލުން ރެއާއި މިއަދު ވަނީ ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅާ ސުންނާފަތިކޮށްފައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކަށް އަނިޔާވެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ގުދުސް ނެޓްވޯކް އިން ބުނެފައިވާގޮތުގައި ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 7،000 އަށްވުރެ މައްޗަށް އަރައިފައެވެ.

އެ ނޫހުން މިހެން ބުނެފައިވާއިރު، އަލްޖަޒީރާއިން އާއްމު ކުރި މައުލޫމާތަށް ބަލާއިރު ޣައްޒާއިން ޝަހީދުވެފައި ވަނީ 6،546 މީހެކެވެ. އަދި 17،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު 102 އަށް އަރާފައިވާއިރު، 1،800 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

މިހާތަނަށް އިސްރާއީލުން މަރުވެފައި ވަނީ 1،405 މީހެކެވެ. އަދި 5،400 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ އެތައް އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ.