ޣައްޒާގެ ހާލަތު މިހާރު އޮތީ ވަރަށް ވެސް ނުރައްކާތެރި މިންވަރެއްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އިރުމަތީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް އެ އެޖެންސީން ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ޑރ. އަހުމަދު އަލް މަންދާރީ ވިދާޅުވީ، އިސްރާއީލުން ހުއްޓުމެއް ނެތި ހަމާސް އަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިންސާނީ ކާރިސާ އޮތީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށެވެ.

އަދި ފިޔަވަޅެއް ނާޅާ ފާއިތުވާ ކޮންމެ ހިނދުކޮޅަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލެވޭ ހިނދުކޮޅެއް ކަމަށާއި ނުރައްކަލަށް ހުށަހެޅިފައިވާ މީހުން ސަލާމަތް ކުރުމުގެ އަމާޒަށް އިތުރަށް ހުރަސްތަކެއް އެޅުމަކީ ދުނިޔެ ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމައަށް މިހާރު 20 ދުވަސް ވެފައިވާއިރު، ޣައްޒާގެ ހެލްތް މިނިސްޓްރީން އާންމު ކޮށްފައިވާ މައުލުމާތުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އަދި ހަނގުރާމައިގެ ވަކި ހިސާބަކުން އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ބައެއް ޒަރޫރީ ތަކެތި ވެސް ލިބުން ހުއްޓުވާފައެވެ. އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ޣައްޒާގެ ރައްޔިތުންނަށް ވަނީ ކުރިމަތިވެފައެވެ.