އިސްރާއީލުގެ ޔަހޫދީން ފަލަސްތީނަށް ރޭގެ ވަގުތެއްގައި ރޭޑުކޮށް، 19 މީހަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ޔަހޫދީ ސިފައިން ރޭގެ ވަގުތެއްގައި ހުޅަނގު އައްސޭރީގެ ރަމައްﷲ އާއި އަލް-ބިރޭ ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ރޭޑުގައި ހައްޔަރު ކުރި 19 މީހުންގެ ތެރޭގައި އަންހެނަކާއި ޑޮކްޓަރަކު ވެސް ހިމެނެއެވެ.

ހަތަރު މީހަކު ކަފްރް ނިއަމް، އިތުރު ހަތަރު މީހަކު ގުދުސްއިން ހައްޔަރު ކޮށްފައިވާއިރު، ބާކީ ތިބި މީހުން ހައްޔަރު ކޮށްފައިވަނީ ނަބްލުސް، ޖެރިކޯ އަދި އަލް-އަޤްވަރު ސަރަހައްދުންނެވެ.

އިސްރާއީލުން މި އެންމެން ވެސް ހައްޔަރު ކޮށްފައިވާއިރު، އެމީހުން ހައްޔަރު ކޮށްފައިވަނީ ސީދާ ވަކި މައްސަލައަކާއި ގުޅިގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް އެމީހުން ހައްޔަރު ކޮށްފައިވަނީ ބާރުގެ ބޭނުން ކޮށް، އަނިޔާ ކޮށްގެން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި މެދު ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އިސްރާއީލަށް ބާރުބޮޑުވެ، ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް އަންނަނީ ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. އިސްރާއީލުން ގަބޫލު ކުރާ ގޮތުގައި ހަމާސް ޖަމާއަތުގެ މީހުން ފިލާ ތިބެނީ އާންމުން ތިބޭ ސަރަހައްދުތަކުގައެވެ. އެހެން ކަމުން އިސްރާއީލުން އަންނަނީ އިންޒާރެއް ދިނުމެއް ނެތި، އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ.