އީރާނުގައި ފެޝަން ބުރުގާ އަޅައިގެން އުޅެނިކޮށް، ހައްޔަރު ކުރި މަހުސާ އަމީނީގެ މަރުވުމުން، މަރު ރިޕޯޓް ކުރި އެގައުމުގެ ދެ ނޫސްވެރިން ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

އެ މަރު އެންމެ ފުރަތަމަ ރިޕޯޓް ކުރީ އިރާނުގެ އަންހެން ދެ ނޫސްވެރިން ކަމަށްވާ ނީލޫފަރު ހަމީދީއާއި އިލާހީ މުހައްމަދީ އެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ޕްރޮޕެގެންޑާ ފެތުރުމާއި އަދި ސަލާމަތީ ބާރުތަކާއި ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިން ކަމުގެ ދައުވާއެވެ. އެމައްސަލައިގައި އެ ދެ މީހުން ހައްޔަރު ކުރިތާ އެތައް މަހެއް ފަހުން ވަނީ ހުކުމް ކޮށްފައެވެ. އެގޮތުން ނީލޫފާއަށް 13 އަަހަރުގެ ހުކުމެއް އިއްވިއިރު އިލާހީއަށް އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ.

އެ ދެ މީހުންގެ ޝަރީއަތުގެ ފަނޑިޔާރަކީ އަބުލް ގާސިލް ސަލަވާތީ އެވެ. ސަލަވާތީ އަކީ މަރުގެ ހުކުމް އިއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އިރާނުގެ ފަނޑިޔާރެެކެވެ.

އެ ދެ ނޫސްވެރިންނަށް ވަނީ މި އަހަރުގެ ޔުނެސްކޯ ޕްރެސް ފްރީޑަމްގެ އެވޯޑްވެސް ލިބިފައެވެ.

މަހުސާ މަރުވީ އޭނާ ހައްޔަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސްގެންނެވެ.

އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

ނަމަވެސް އީރާނުގެ ސަރުކާރުން އެކަން ދޮގު ކުރެއެވެ. ސަރުކާރުން ބުނާ ގޮތުގައި މަހުސާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނަމަވެސް މަހުސާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުއްލިއަކަށް ހިތް ހުއްޓިގެން މަރުވާނެ ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މަހުސާގެ މަރާ ގުޅިގެން އިރާނުގައި މިއިން ޒަމާނަކުވެސް ނުދެކޭ ވަރުގެ މުޒާހަރާތަކެއް ކުރިއަށް ދިޔަ އެވެ. އަދި އެ މުޒާހަރާތަކާއެކު އިރާނުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ.

މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި އެ މުޒާހާރާ ފަހުން ވަނީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފަތިސް

    އީރާނުގައި ދޮގު ހަބަރުތަށް ފަތުރައިގެން އަންހެނުންގެ ނިވާކަމާއި އިއްޒަތް ގެއްލުވާލަން ފެމިނިސްޓުން މަސައްކަތް ކުރޭ. އެކަމަކު ފަލަސްތީނުގައި މައިންނާއި އެމީހުންގެ ދަރިން އުޅޭ ހާލާއިމެދު ފެމިނިސްޓުން ބަހެއް ބުނާތަނެއް ނުފެނޭ

    7
    1