އިސްރާއީލުގެ ޔަހޫދީ ސިފައިން މިއަދު ހެނދުނު ދިން ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހަކު ޝަހީދުވެއްޖެއެވެ.

ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ޔަހޫދީންނާއި ދެކޮޅަށް، އެމީހުންގެ އަނިޔާވެރިކަން ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މިމަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމަ ހުއްޓުމަކަށް އައިސްފައި ނުވާއިރު، ހަމާސްގެ މުޖާހިދުން ނައްތާލުމަށް، އިސްރާއީލުން އަންނަނީ ހުއްޓުމެއް ނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާތަކެއް ދެމުންނެވެ.

ވައިގެ މަގުން ގިނަ ހަމަލާތަކެއް އިސްރާއީލުން ދެމުން އަންނައިރު، މީގެ ކުރިން އިސްރާއީލުން އާންމުން ތިބޭ އިމާރާތްތަކަށް ހަމަލާދޭއިރު، އެތަންތަން ހުސް ކުރަން އިންޒާރުދެއެވެ. ނަމަވެސް މިހާރު އިންޒާރަކާއި ނުލައި އިމާރާތްތައް ބިމާ ހަމަކޮށްލަނީއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ތެރެއިން މިއަދު ހެނދުނު ޣައްޒާގެ ދެކުނުން އޮންނަ ރަފާހްއަށް ދިން ހަމަލާގައި 12 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ މީޑީއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ޝަހީދުވެފައިވާ މީހުންގެ ތަފްސީލެއް މީޑިއާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި މިހާތަނަށް ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެގެން އަންނަނީ ފަރުވާ ކުރަމުންނެވެ.