ނުބައި ނުލަފާ ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއިލުން ދެމުންގެންދާ އިންސާނިއްޔަތު ކަމެއް ނެތް ހަމަލާތަކާއެކު ގެދޮރު ގެއްލުނު ޣައްޒާގެ ކައްކާއަށް ލިބޭ އެހީން 50 އާއިލާއަކަށް ކައްކަދޭން ފަށައިފިއެވެ.

ޣައްޒާގެ ކައްކާއެއް ކަމަށްވާ އަބޫ އަލް އަބީދު އަލް މަސްރީގެ ގެދޮރު އިސްރާއިލުގެ ހަމަލާތަކުގައި ހަލާކުވި އިރު އޭނާގެ އާއިލާގައި ވެސް 50 އަށް ވުރެ ގިނަ މީހުން ތިބެއެވެ.

މިކަން ފެށެން ދިމާވި ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ޣައްޒާގައި ހާލުގައިޖެހިފައި ތިބި މީހުންނަށް އެހީވެދޭ އެހެން ކައްކާއެއް ކަމަށްވާ އަބޫ އިބްރާހިމް ޒަގޫތު ކައިރިއަށް ގޮސް ވޮލަންޓިއާކޮށް މީހުންނަށް ކައްކާ ދިނުމަށް ހިޔާލުދިނުމުންނެވެ.

ޒަގޫތު ބުނީ މީހުން ދޭ ކޮންމެ އެއްޗެއް ވެސް ކައްކައިދޭނެ ކަމަށެވެ. އަދި ޕާން ފަދަ ކާ ތަކެތިވެސް މިހާރު ޣައްޒާގައި ނެތް ކަމަށެވެ. އެހެން ނަމަވެސް ކުޑަކުދިން ބަނޑުހައިވާން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ ދުވަހު ކެއްކީ މުގުރިހަ ކަމަށެވެ. ބައެއް މީހުން ވަނީ އޭނާއަށް ކާން ބޭނުންކުރާ ތަކެއްޗާއި ކަންކަން ބޭނުންކުރާ ފަދަ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.

އެ ތަނުގައި ކާއެއްޗެތި ބަހަމުން ދިޔަ އިރު ކުޑަކުދިން ދިޔައީ ލިބޭ ކާ އެއްޗެހި މަދު ކަމަށް ބުނެ ޝަކުވާވެސް ކުރަމުންނެވެ. އަދި ކާތަކެތި ލިބުން ލަސްވެ ކުޑަކުދިން ގިނަ އިރު ކިއުގައި ވެސް ތިބެއެވެ.މިއީ ހިތެއް އޮތް ކޮންމެ މީހަކަށް އަސަރުކުރުވާނެ މަންޒަރުތަކެކެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ ހަނގުރާމަ ނިމޭނެ ކަމުގެ އުއްމީދެއް އަދި ނުފެނެއެވެ. އަދި އިސްރާއީލުން މިހާރު ދަނީ ޣައްޒާއަށް އެއްގަމު މަގުން ވަނުމަށް ތައްޔާރުވަމުންނެވެ. ޔަހޫދީ ޤައިރުޤާނޫނީ ދައުލަތް އިސްރާއިލުން ބުނާ ގޮތުގައި ހަނގުރާމަ އެތައް މަހަކަށް ވެސް ދެމިގެން ހިނގައިދާނެއެވެ.

ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 7،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ.