ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު ވެސް ޣައްޒާއަށް ބޭނުންވާ އެހީ ދިނުމަށް ފްރާންސްގެ ފޮރިން މިނިސްޓަރު، ކެތެރިން ކޮލޮއްނާ ގޮވާލައިފިއެވެ.

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ބައެއް ޒަރޫރީ ތަކެތި ލިބުމަށް ހުރަސް އަޅާފައެވެ. އެފަދަ ހުރަސްތަކެއް އެޅިނަމަވެސް، މިސްރުން ވަނީ ރަފާހް ބޯޑަރު ބޭނުންކޮށް، ބައެއް ކަހަލަ އެހީތައް ޣައްޒާއށް ފޯރުކޮށްދީފައެވެ.

ޣައްޒާގެ މިވަގުތު ހާލަތާއި ގުޅޭ ގޮތުން ކެތެރިން ބުނެފައިވަނީ ވީއެންމެ އަވަހަކަށް ޣައްޒާއަށް ބޭނުންވާ އެހީ ފޯރުކޮށްދޭން ކަމަށެވެ. އަދި އެކަން ކޮންމެ ދުވަހަކު މެދުކެނޑުމެއްނެތި ދެވެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވީހާވެސް އަވަހަކަށް ދެމެހެއްޓެނިވި ގޮތެއްގައި ޣައްޒާއަށް އެހީ ވެއްދުމަކީ ވަރަށް ބޮޑަށް ބޭނުންތެރި ކަމެއް،" އެހީގެ ޓްރަކްތައް ބަލައި ފާސް ކުރުމުގެ ސަބަބުން އެހީ ލަސްވާކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޣައްޒާގައި ތިބި 170 މީހެއްގެ ހާލަތު ރަނގަޅުކަން ފްރާންސުން ކަށަވަރު ކުރަން ޖެހެއެވެ. އޭގެ ތެރޭގައި އެގައުމުގެ 50 މީހަކާއި އެންޖީއޯ ތަކުގައި މަސައްކަތް ކުރާ މީހުންނާއި އެކި އެކި މީހުން ހިމެނެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ އިތުރުން އިންސާނިއްޔަތު ކަމެއް ނުބަހައްޓާ، ޣައްޒާގެ ރައްޔިތުންނަށް ބޯފެނާއި، އެހެނިހެން ތަކެތި ދިނުމަށް އިސްރާއީލުގެ ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. ނަމަވެސް މިއަދު ވެސް ޣައްޒާއަށް ބޭނުންވާ ތަކެތި ހިފައިގެން 10 ޓްރަކެއް ވަނީ ޣައްޒާއަށް ވަދެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ކަލޭމެންގެ މީހުން ތިބެގެންދޯ ތިއުޅެނީ!! ތިޔަ އަތްތަކުން ލެޔެއް ނުފޮހެވޭނެ ކިތައްމެ ވަރަކައް ދޮވުނަސް