އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް މަޝްވަރާ ކުރަމުންދާ އިރު، ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް އަލް-ޖަޒީރާ އިން ރިޕޯޓުކޮށްފިއެވެ.

އަލް-ޖަޒީރާ އިން ދެންމެ ރިޕޯޓު ކުރި ގޮތުގައި، އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލް ކުޅެނީ ގަތަރެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ކުރެވެނީ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލު ކުރުމާ ގުޅޭ ގޮތުން ކަމަށާއި މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށްވެއެވެ.

ގަތަރުގެ ވެރިރަށް ދޯހާ އިންސްޓިޓިއުޓްގެ ފަރާތުން ވާހަކަ ދެއްކި އިބްރާހިމް ފްރައިހަތު ބުނީ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލު ކުރުމާ ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށާއި މިއީ މިހާތަނަށް އައިއިރު، މި ހަނގުރާމައިގައި ވަރަށް މުހިންމު ދަނޑިވަޅަކަށް ވާނެ ކަމަށެވެ.

"އެއީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ ހުއްޓާލުމަށް ވެދާނެ؟ ނޫނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ވެދާނެ؟ އަދި މިއީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ވެދާނެ؟" މަޝްވަރާތައް ނިމޭނީ ކޮން ގޮތަކަށް ކަން ފާހަގަ ނުކޮށް، ފްރައިހަތު ބުންޏެވެ.

މި މަހުގެ 7 އިން ފެށިގެން އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަމިއްލަ ގެދޮރު ދޫކޮށް ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ޓެންޓުތަކުގައި އާއި ހޮސްޕިޓަލާއި ސްކޫލްތަކުގައެވެ. އެމީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ސާމާނު އިންތިހާ އަށް ވަނީ ބޭނުންވެފައެވެ.

މިމަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 40 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ހަނގުރާމަ ހުއްޓާލަންޏާ 2 ޝަރުތާ އެކީ ހުއްޓާލަންޖެހޭނީ އެއީ ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން މެރުމާއި އެމީހުންނަށް އުނދަގޫކުރުން ހުއްޓާލުން ދެވަނަކަމަކީ އަލް އަޤްސާ މިސްކިތުން ޔަހޫދީ ބައިގަޑު ނުކުތުން އަދި މިސްކިތައް ެމީހުންގެ ބާރުގޯރުވުން ހުއްޓާލުން މިދެކަންތަކަށް އެއްބަސް ނުވަންޏާ ހަނގުރާމަ ހުއްޓާނުލާތި

    8
    0
  2. Anonymous

    ހަނގުރާމަ ހުއްޓާލަންޏާ 2 ޝަރުތާ އެކީ ހުއްޓާލަންޖެހޭނީ އެއީ ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން މެރުމާއި އެމީހުންނަށް އުނދަގޫކުރުން ހުއްޓާލުން ދެވަނަކަމަކީ އަލް އަޤްސާ މިސްކިތުން ޔަހޫދީ ބައިގަޑު ނުކުތުން އަދި މިސްކިތައް ެމީހުންގެ ބާރުގޯރުވުން ހުއްޓާލުން މިދެކަންތަކަށް އެއްބަސް ނުވަންޏާ ހަނގުރާމަ ހުއްޓާނުލާތި އެކަމު ބޮޑަށް ރަނގަޅީ ތިއިޒުރޭލޭ ކިޔާތަން ދުނިޔެއިން ފޮހެވިއްޖެއްޔާ

  3. ހ

    ހަމާސް ގެ އަދަދު މަދު ނަމަވެސް އީމާންކަން ވަރުގަދަ ވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑުބާރޭ ކިޔާ މީހުުން ވެސް ޖެހިލުންވޭ.

  4. ތައުފީގު

    މަރާނެހާ ބަޔަކު މަރާފަ މަޝްވަރާއޭ ކިޔާނެކަމެއް ނެތް.

    ހަބަރުދާރު ! ނަމަނަމަ ދެން ޔޫއެން އަދި އެމެރިކާ އަހަރުމެނަށް އިންސާނީ ހައްގާ، މިނިވަންކަމަމާ، އިންސާފު، ސުލްހަ ދަސްކޮށްދޭން ނޫޅޭތި.

    އެހީއަށް ހުރަސް އަޅަން ވޯޓުދިން އަދި އެއްވެސް ވޯޓެއްނުދިން ގައުމުތައް ދުވަހަކުވެސް ހަނދާން ނުނެތޭނެ!

  5. ޢަދުނާނު

    ނޫހުގައި ލަފާކޮށްފައިވާގޮތްތަޖުގެތެރެއިން، ހަނގުރާމަ
    "މުޅިންހުއްޓާލުން" ނުވަތަ އެއްކޮށް ހުއްޓާލުން. އެއީ ނުވާނެކަމެއް ސައްކެއްވެސް ނެތް!

  6. ޤ

    އެއުޅެނީ ބިރުން، ވަރަށް ގިނަ ގައުމުތަކުން އިސްރާއީލްއާ ދެކޮޅަށް ނުކުންނާތީ ކަންބޮޑުވެގެން، ބޮލުގެއެއްޗެއް ހަދަން އެއުޅެނީ،