ފަލަސްތީނުގެ ޣައްޒާ އިން އިންޓަނެޓް ހިދުމަތް ކަނޑާލައި، އިސްރާއީލްގެ ޔަހޫދީން ވަރަށް ވަރުގަދަ އަށް ބޮން އަޅަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން މީގެ ތިރީހަކަށް މިނެޓު ކުރިން ވަނީ އިންޓަނެޓް ހިދުމަތް ހިމެނޭ ގޮތަށް މުއާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލައި، ޣައްޒާ އަށް ބޮން އަޅަން ފަށައިފައެވެ. މިހާރު ޣައްޒާ އިން މުޅިން ކަހަލަ ގޮތަކަށް އިވެނީ ބޮމުގެ ބާރުގަދަ އަޑުފައްގަނޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި މި ހަމަލާތަކަކީ އޮކްޓޯބަރު 7 ގެ ފަހުން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން އެންމެ އަނިޔާވެރި ހަމަލާތަކެވެ.

މި ހަމަލާތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ޝަހީދުވެ، ނުވަތަ ޒަހަމްވާނެ ކަމަށް ޣައްޒާގައި ތިބި ނޫސްވެރިން ދަނީ ބުނަމުންނެވެ.

މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުގެ މުޖާހިދުން ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް އަރައިގަނެ، އިސްރާއީލްގެ ގިނަ ބަޔަކު މަރާލައި، އެތައް ބަޔަކު ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފައެވެ. އެއާ އެކު، އިސްރާއީލްގެ ސިފައިން ރުޅިގަދަވެ، ފަލަސްތީނުގެ ޣައްޒާ އަށް ވަނީ ބޮން އަޅައި އެތައް ބަޔަކު ޝަހީދުކޮށްލައި، ގިނަ ބަޔަކު ޒަހަމްކޮށްލައިފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން 7،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މި ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު ވެސް 15،000 އާ ގާތް ކުރާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީބުނީ

    އިސްލާމީ ބޮޑެތި ގައުމުތަކުގެ ވެރިން ތިބީ ޑިމޮކުރަސީގެ ބަފާމެން ދިނީމަ ކައިގެން ބޮއެގެން ނިދާފަ. މިދުވަސް އަންނާނެކަން އޮތީ މާ ކުރިން އަންގަވާފަ. ކިތައްމެ ވަރެއް ކުރިޔަސް މުސްތަގުބަލް އޮތީ އިސްލާމް ދީނައް. އުންމަތައް ނަސްރު ދެއްވާނެކަމައް ﷲ ވަނީ ވައުދުވެވޮޑިގެންފަ. ފަލަސްތީން މިނިވަންވާނީ ހަމަ ޖިހާދުން. އިނަޝާﷲ ނަސްރުލިބުން ވަނީ ދާދި ގާތުގަ