ފަލަސްތީނުގެ ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލް ކައިރި އަށް އިސްރާއީލުގެ ނިރުބަވެރިން ހަމަލާދީފިއެވެ.

އިސްރާއީލުން މި ހަމަލާ ދީފައި މިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މައިގަނޑު އޮޕަރޭޝަންތައް ހިންގަމުން ގެންދަނީ ޣައްޒާގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށް ބުނެ، އިސްރާއީލް އަސްކަރިއްޔާގެ ސިފައިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަލާގައި ފަލަސްތީނުގެ ބަޔަކު ޝަހީދުވި ކަމެއް އަދި ކަށަވަރެއް ނޫނެވެ.

އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނީ ހަމާސްގެ މައިގަނޑު ބޭސް ހުންނަނީ ޝިފާ ހޮސްޕިޓަލްގެ އަޑީގައި ކަމަށެވެ. އެ ތަނުގައި ބައެއް ކޮމްޕްލެކްސްތައް ހުންނަ އިރު، ހަމާސް އިން އިސްރާއީލަށް ހަމަލާ ދިނުމަށް ބޭނުން ކުރަނީ އެ ތަން ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރުމެން އަތުގައި ހެކި އެބަހުރި، އެތައް ސަތޭކަ ޓެރަރިސްޓުން (މުޖާހިދުން) އެބަތިބި ހޮސްޕިޓަލަށް ފިލަން ގޮސްފައި،" އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަތުމަށް ފަހު، އެނބުރި ޣައްޒާ އަށް ވަތް ހަމާސްގެ މުޖާހިދުންނަށް އިޝާރާތް ކުރަމުން ހަގާރީ ބުންޏެވެ.

ނަމަވެސް ހަމާސް އިން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ ޝިފާ ހޮސްޕިޓަލް ހުރި ސަރަހައްދުގެ ސެޓަލައިޓް ފޮޓޯއަކާއި 3ޑީ ކުރެހުމެއް ދައްކައިފައެވެ. އޭގައި، ހަމާސްގެ މުޖާހިދުން ތިބޭނެ ކަމަށް ބުނާ ތަންތަން ވެސް ދައްކާލާފައިވެއެވެ. އަދި ޝިފާ ހޮސްޕިޓަލްގެ އަޑީގައި ބިންގަރާސް ހަދައިގެން ހަމާސް މުޖާހިދުން ތިބި ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން ބުނެފައި ވަނީ ހަމާސްގެ މުޖާހިދުން ޝިފާ ހޮސްޕިޓަލްގައި "ކޮމާންޑް ސެންޓަރު" ހަދައިގެން އުޅޭ ފޮޓޯތައް ވެސް އެބަހުރި ކަމަށެވެ. އެކަމަކު، އެ ފޮޓޯތައް ހާމަކުރަން ކޮންމެހެން ބޭނުން ނުވާ ކަމަށް ވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ހަމާސް އިން ބުނާ ގޮތުގައި މިއީ އިސްރާއީލުން ޝިފާ ހޮސްޕިޓަލަށް ވައިގެ ހަމަލާއެއް ދިނުމަށް ދައްކަމުން އަންނަ ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންޓޭ

    އިޒްރޭލް ސިފައިން ގެ ބޯބުރި ކޮށްގެން އަންނަ މިހުންނަށް އިނާމުދޭން ޖެހޭ

  2. އަލީބުނީ

    އަރަބި ގައުމުތަކުގެ ވެރިންނައް ތިބި ފިނޑި މީދާތަކާ. ކަލޭމެނާ ސުވާލު ވެވޭނެ ދުވަހެއް އަންނާނެ!