ފަލަސްތީނުގެ ޣައްޒާ އަށް އަރަން ތިބި އިސްރާއީލްގެ ނިރުބަވެރިންނަށް އަމާޒުކޮށް ފަލަސްތީނުގެ މުޖާހިދުން ހަމަލާދޭން ފަށައިފިއެވެ.

ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ފެންސް ކައިރި އަށް އައިސް ތިބި އިސްރާއީލްގެ އަސްކަރީ ވެހިކަލްތަކާ ދިމާލަށް އެންޓި ޓޭންކް މިސައިލް ފޮނުވަމުންދާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި އޭގެ ރައްދު ހަމަލާތައް އިސްރާއީލުން ދެމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި މިރޭ ހަމަލާ ދޭން ފަށާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ އިއުލާންކޮށްފައެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ސިފައިން ޣައްޒާގެ އެއްގަމު މަގުން ކުރިއަށް ގެންދާ ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ ފަހުން، ރިޕޯޓުތައް ބުނި ގޮތުގައި، އިސްރާއީލާއި ޣައްޒާ ކައިރި އަށް ޖަމާވި އިސްރާއީލްގެ އަސްކަރީ ޓޭންކުތަކާއި އެ ނޫން ވެސް ވެހިކަލްތައް ޣައްޒާ އަށް ވަނުމަށް ވަނީ ރުކުރުވާލައިފައެވެ. އެއާއެކު، ދެން ފެނުނީ ޣައްޒާގައި ތިބި މުޖާހިދުން ޓޭންކުތަކަށް ހަމަލާ ދޭން ފެށި ތަނެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އަދި އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ދޭ ވައިގެ ހަމަލާތައް ވޭތުވެދިޔަ ގަޑިއިރުތަކުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

މި މަހުގެ 7 އިން ފެށިގެން އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަމިއްލަ ގެދޮރު ދޫކޮށް ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ޓެންޓުތަކުގައި އާއި ހޮސްޕިޓަލާއި ސްކޫލްތަކުގައެވެ. އެމީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ސާމާނު އިންތިހާ އަށް ވަނީ ބޭނުންވެފައެވެ.

ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ.

މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.