އިސްރާއީލް އަސްކަރިއްޔާގެ ނިރުބަވެރިން ފަލަސްތީނުގެ ޣައްޒާ އަށް އަރައިފި ނަމަ، ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަދި އެ ގައުމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިރޭ ބުނެފިއެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އިސް މެމްބަރެއް ކަމުގައިވާ އިއްޒަތު އަލް ރިޝާގް ވިދާޅުވީ ފަލަސްތީނުގެ ޣައްޒާ އަށް އެރުމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމައިފި ނަމަ، އެމީހުންނާ ކުރިމަތިލުމަށް މުޖާހިދުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

"ނަތަންޔާހޫ މިރޭ ޣައްޒާ އަށް އަރަން ނިންމައިފި ނަމަ، މުޖާހިދުން ތިބީ ތައްޔާރަށް." އިއްޒަތު ވިދާޅުވިއެވެ.

އިއްޒަތު ވަނީ ޣައްޒާ އަށް ވަނުމަށް އަންނަ އިސްރާއީލްގެ ކޮންމެ ސިފައިންގެ މީހަކާ ދެކޮޅަށް ހަނގުރާމަކޮށް، އެމީހުންގެ ފުރާނަ ދުއްވާލަން ފަސް ނުޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. މި އިންޒާރު ދީފައި މިވަނީ އިސްރާއީލުން މިރޭ ކުއްލި ގޮތަކަށް ޣައްޒާ އަށް ބޮން އެޅުން ވަރަށް ބޮޑަށް އިތުރުކޮށްފައި ވަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން، އެންމެ ވަރުގަދަ އަށް ޣައްޒާ އަށް ބޮން އެޅި ރެއެވެ.

މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުން މަގުތަކަށް ނުކުތުމަށް ވެސް ހަމާސް އިން ވަނީ ގޮވާލައިފައެވެ. އެ ގޮވާލުމާ އެކު، ރާމަﷲ އާއި ނާބުލުސް ފަދަ ސަރަހައްދުތަކުގައި މުޒާހަރާތައް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފަލަސްތީނުގެ ޣައްޒާ އަށް އަރަން ތިބި އިސްރާއީލްގެ ނިރުބަވެރިންނަށް އަމާޒުކޮށް ފަލަސްތީނުގެ މުޖާހިދުން މިހާރު ދަނީ ހަމަލާ ދެމުންނެވެ. ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ފެންސް ކައިރި އަށް އައިސް ތިބި އިސްރާއީލްގެ އަސްކަރީ ވެހިކަލްތަކާ ދިމާލަށް އެންޓި ޓޭންކް މިސައިލް ފޮނުވަމުންދާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އޭގެ ރައްދުގައި އިސްރާއީލްގެ ޓޭންކުތަކުން ވެސް ހަމަލާ ދެމުން އަންނަ ކަމަށްވެއެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި މިރޭ ހަމަލާ ދޭން ފަށާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ވަނީ އިއުލާންކޮށްފައެވެ. އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވަނީ ސިފައިން ޣައްޒާގެ އެއްގަމު މަގުން ކުރިއަށް ގެންދާ ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މަހުގެ 7 އިން ފެށިގެން އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އަމިއްލަ ގެދޮރު ދޫކޮށް ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ޓެންޓުތަކުގައި އާއި ހޮސްޕިޓަލާއި ސްކޫލްތަކުގައެވެ. އެމީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެ ނޫން ވެސް ސާމާނު އިންތިހާ އަށް ވަނީ ބޭނުންވެފައެވެ.