އިސްރާއީލްގެ ނިރުބަވެރި ސިފައިން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ގޮވާލި އެމެރިކާގެ ޔަހޫދީންތަކެއް އެގައުމުން ހައްޔަރު ކޮށްފިއެވެ.

ގުދުސް ނިއުސް ނެޓްވޯކުން ވަނީ އެމެރިކާގެ ޔަހޫދީންތަކެއް އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލުމުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ނިއުޔޯކުން ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.

އެފަދަ ރިޕޯޓެއް އެނޫހުން ކޮށްފައިވާއިރު، މީސްމީޑިއާގައި އަންނަނީ އެގައުމުގެ ސިފައިން އެމީހުން ހައްޔަރު ކޮށްގެން ތިބި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެފައެވެ. އެވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ހައްޔަރުގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. އެމީހުން ލައިގެން ތިބި ޓީޝާޓުގައި ހަނގުރާމައިގައި އެމީހުންގެ ނަން ބޭނުން ނުކުރުމަށް ވަނީ ލިޔެފައެވެ.

އެމީހުން ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ވީޑިއޯ ދައުރުވި ނަމަވެސް، އެމީހުންނާއި މެދު އެގައުމުން ކަންތައް ކުރަނީ ކިހިނެތް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ޣައްޒާއާއި އެއްކޮޅަށް އެރި އެމެރިކާގެ ޔަހޫދީންތަކެއް ހައްޔަރު ކޮށްފައިވާއިރު، ގިނަ ގައުމުތަކުގައި ޣައްޒާއާއި އެއްކޮޅަށް އަރާ މީހުންނަށް އަނިޔާކޮށް، ހައްޔަރު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ކޮށްފައެވެ. އަދި އެކަމާއި އިސްރާއީލުގެ ބައެއް ނޫސްވެރިން ވެސް ވަނީ އަޑުއުފުލާފައެވެ.