ޔަހޫދީ ނިރުބަވެރި، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ޝަހީދުވި މީހުންގެ 40 އިންސައްތައަކީ ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބަދަލު ހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން އިސްރާއީލުން ވަށާލާފައިވާ ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 7،326 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 40 އިންސައްތައަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.

ޣައްޒާގެ އާންމު ރައްޔިތުންނާއި ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތް ވުޖޫދުން ފޮހެލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހާމަކޮށްފައެވެ. އަދި މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން މިހާރުވެސް އަންނަނީ ޣައްޒާގެ ބޯޑަރަށް ޖަމާވެ، ޣައްޒާގެ އެކި ހިސާބުތަކަށް އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެކަމަކު، ޣައްޒާ ތެރެއަށް އަދި ވަދެގެންފައި ނުވާ ކަމަށްވެއެވެ. މިހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ތައްކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.