އިސްރާއީލްގެ ޔަހޫދީ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި 70 މެމްބަރުން ހިމެނޭ އާއިލާއަކުން ދޮޅު އަހަރުގެ ކުއްޖަކު ސަލާމަތްވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއް އަހަރާއި ހަ މަސް ދުވަހުގެ މެލީސާ ސަލާމަތްވެ، ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު، އެ އަންހެން ކުއްޖާ ވަނީ ޕެރަލައިޒްވެފައެވެ. އެ އަންހެން ކުއްޖާގެ އާއިލާގެ ހުރިހާ މެމްބަރުން ޝަހީދުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ. އެ ކުއްޖާ ހޮސްޕިޓަލްގައި އޮތް މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ދަނީ މީސް މީޑިއާގައި އާންމުވަމުންނެވެ.

އިސްރާއީލްގެ އަސްކަރީ ޖެޓްތަކުން ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅައި މިހާތަނަށް އައިއިރު، 7،300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، 3،000 އާ ގާތް ކުރާ އަދަދަކަށް ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ވަރަށް ގިނަ ކުޑަކުދިންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، ބައެއް ކުޑަކުދިންގެ ފަޔާއި އަތް ފަދަ ތަންތަން ވަނީ ބިންދައިގެން ގޮސްފައެވެ. އަދި ބައެއް ކުދިންގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ، ފުރާނަ ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. ސީރިއަސްވި ކުޑަކުދިންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމާ މެދުގައި ވެސް ޝައްކެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށްދާއިރު، އިސްރާއީލުން ވެސް ދާދި ފަހުން ރަސްމީކޮށް، ހަނގުރާމަ އިއުލާނުކޮށް ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނަމުން ދަނީ މިފަހަރު ހަމާސްގެ އެއްވެސް މުޖާހިދެއް ސަލާމަތުން ދުނިޔޭގައި ތިބިޔަ ނުދޭނެ ކަމަށެވެ. އެކަމަކު، ފެންނަނީ އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ހަމަލާދޭ މަންޒަރެވެ.