ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލަށް ވަދެ ހަމަލާތައް ދިނުމަށް ރޭވި ހަމާސްގެ ކޮމާންޑަރަކު ޝަހީދުކޮށްލާފައިވާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން މިއަދު ހާމަކޮށްފިއެވެ.

އިސްރާއީލްގެ ސިފައިން ބުނީ އަސްކަރީ ޖެޓްތައް ބޭނުންކޮށްގެން ހަމާސްގެ އޭރިއަލް ފޯސްގެ ކޮމާންޑަރު އާސިމް އަބޫ ރަކާބާ ޝަހީދުކޮށްލާފައިވާ ކަމަށެވެ. ރަކާބާއަކީ މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ހަމަލާ ދިނުމުގައި އިސްކޮށް މަސައްކަތް ކުރި މުޖާހިދެއް ކަމަށް އިސްރާއީލް ސިފައިން ބުންޏެވެ.

އެގޮތުން ރަކާބާއަކީ ހަމާސްގެ ޔޫއޭވީ، ޑްރޯންސް، ޕެރަގްލިޑާސް، އޭރިއަލް ޑިޓެކްޝަން، އޭރިއަލް ޑިފެންސްއާ ގުޅޭ ކަންކަން ޕްލޭން ކުރުމުގައި މަސައްކަތް ކުރި ހަމާސްގެ ކޮމާންޑަރެއް ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ. އިސްރާއީލުން ހަމާސްގެ ކޮމާންޑަރެއް ޝަހީދުކޮށްލި ކަމަށް ބުނި ނަމަވެސް، ހަމާސް އިން މިކަމާ މެދުގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

"އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާ ކައިރީ ސަރަހައްދުތަކުގައި ގަތުލުއާންމު ހިންގުމަށް ޕްލޭން ކުރި އެކަކީ އެއީ. ޕެރަގްލިޑާސްގައި ޓެރަރިސްޓުން (މުޖާހިދުން) އިސްރާއީލަށް ވަނުމުގައި އިރުޝާދު ދިނީ ވެސް އޭނާ. އިސްރާއީލް އަސްކަރިއްޔާގެ ޕޯސްޓުތަކަށް ޑްރޯން ހަމަލާތައް ދިނުމުގައި ޒިންމާ ވަނީ އޭނަ،" އިސްރާއީލް އަސްކަރިއްޔާ އިން ބުންޏެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.

މިހަމަލާ ބަދަލު ކުރުންތައް އަދިވެސް ކުރިއަށްދާއިރު، އިސްރާއީލުން ވެސް ދާދި ފަހުން ރަސްމީކޮށް، ހަނގުރާމަ އިއުލާނުކޮށް ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނަމުން ދަނީ މިފަހަރު ހަމާސްގެ އެއްވެސް މުޖާހިދެއް ސަލާމަތުން ދުނިޔޭގައި ތިބިޔަ ނުދޭނެ ކަމަށެވެ. އެކަމަކު، ފެންނަނީ އެމީހުންނަށް ހަމަލާ ދިނުމުގެ ބަދަލުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންނަށް ހަމަލާދޭ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮގު

    ޔަހޫދީން ހަދާނީ ދޮގު

    22
  2. ދޮހިކަރު

    ޔަހޫދީންގެ އަނގައިން އެންމެ ތެދެއްވެސް ނުނިކުންނާނެ

    17
  3. ކެހިކޮޅު.

    ތިޔަކަހަލަ ކިތައްމެ ޑްރާމާއެއް ޒަޔަނިސްޓުން އެބަކުޅޭ. ޢެކަމަކުއެބައިގަނޑުގެ އެތެރެ އޮތީގޮވަން ތައްޔާރުވެފަ.

    20