ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ އިތުރު ސިފައިންގެ މީހަކު މަރާލައިފިއެވެ.

މިއާއެކު، އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން މަރާލި ސިފައިންގެ އަދަދު ވަނީ 310 އަށް އަރައިފައެވެ. އިސްރާއީލްގެ އިތުރު ސިފައިންގެ މީހަކު މަރާލާފައިވާ ކަން އެ ގައުމުގެ އަސްކަރިއްޔާ އިން މިއަދު ވަނީ އިއުލާންކޮށްފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މަރާލާފައި ވަނީ އުމުރުން 20 އަހަރުގެ ސާޖަންޓް ޝިރެލް ހައިމް ނަމަކަށް ކިޔާ ސިފައިންގެ މީހެކެވެ. އެކަމަކު، އެ ސިފައިންގެ މީހާ މަރާލާފައި ވަނީ ކޮން ދުވަހަކު ކަމެއް އަދި އެ ހަމަލާ އޭނާއަށް އަމާޒުވީ ކޮން ތަނެއްގައި ކަމެއް އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،400 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާލައިފައެވެ. މި ހަމަލާތަކުގައި 4،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 300 އަށް ވުރެ ގިނަ މީހުންނަށެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި، އެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާއި ދެކޮޅަށް ދިން ކުއްލި ހަމަލާއާ ގުޅިގެންނެވެ.

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް އަމާޒުކޮށް މި ހަމަލާތައް ދޭން ފެށީ މުސްލިމުންގެ މުގައްދަސް ބިން ކަމުގައިވާ އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމާއި އެ ތަނަށްދާ މުސްލިމުންނަށް އަނިޔާކޮށް، ހައްޔަރުކުރަމުންދާތީއެވެ. އަދި މި ހަމަލާތަކަކީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އެހެން ތަންތަނުގައި ފަލަސްތީން ރައްޔިތުންނަށް އަމާޒުކޮށް ދޭ އަނިޔާވެރި ހަމަލާތަކަށް ދޭ ރައްދެއް ކަމަށް ވެސް ހަމާސް އިން ބުނެއެވެ.