އިސްރާއީލްގެ އަސްކަރިއްޔާގެ ނިރުބަވެރިން ރޭގައި އެކަނި ވެސް ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދިން އިރު، އެ ހަމަލާތަކުގައި ގާތްގަނޑަކަށް 100 އާ ގާތް ކުރާ އަދަދަކަށް އަސްކަރީ ޖެޓުތައް ބޭނުން ކުރި ކަމަށް އިސްރާއީލުން ބުނެފިއެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ބުނާގޮތުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ވަރުގަދަވެފައި ވަނީ ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ފުޅާ ކުރަމުންދާތީއެވެ.

ހަމާސް އިން ބުނާ ގޮތުގައި އެ ޖަމާއަތުގެ މުޖާހިދުން ވަނީ ޣައްޒާގެ އެކި ތަންތަނުގައި އިސްރާއީލު ނިރުބަވެރިންނާއި ކުރިމަތިލާފައެވެ. ބައިނަލްއަގްވާމީ މީޑިއާތަކާއި އެހީދޭ އިދާރާތަކުން ބުނާ ގޮތުގައި ޣައްޒާގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކާއި ގުޅުން ކެނޑުނީ މުވާސަލާތީ ވަސީލަތްތައް ގާތްގަނޑަކަށް މުޅިން ކަނޑާލި ދަނޑިވަޅެއްގައެވެ.

ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ ކުދިންނާއި އެމީހުންގެ މައިންބަފައިން ދިރިއުޅެމުންދަނީ ވަށާލެވިފައިވާ އެންކްލޭވްގައި "ބޮޑު ބިރުވެރިކަމެއް" ގެ ތެރޭގައި ކަމަށް އިންސާނީ އެހީތެރިކަމުގެ ޖަމާއަތެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަންސް އިން ބުނެއެވެ.

އދ ގެ އާންމު މަޖިލީހުން ރޭ ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް އިސްރާއީލުން ވަނީ މިގަރާރަށް ތާއީދު ނުކުރާނެ ކަމަށް ބުނެ ހަަމަލާތައް ވަރުގަދަކޮށްފައެވެ.

އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބުނީ އެގައުމުގެ ސިފައިން އަދިވެސް ޣައްޒާގައި ތިބި ކަމަށާއި ހަނގުރާމަ ކުރިއަށްދާ ކަމަށެވެ. މިހާތަނަށް އެއްވެސް ސިފައިންގެ މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ޔަހޫދީން ވަނީ ބުނެފައެވެ.

ތަރުޖަމާނު ބުނީ ސިފައިންގެ ބާރުތައް ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް ވަދެ އެމީހުންގެ އޮޕަރޭޝަން ފުޅާކޮށްފައިވާ ކަމަށެވެ.

ރޭ ހަމާސްގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ކޮމާންޑަރުންތަކެއް ޝަހީދުކޮށްލާފައިވާނެ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 7،326 މީހުން ޝަހީދުވެފައިވެއެވެ. ހަމާސް އިން އިސްރާއީލަށް ދިން ހަމަލާގައި 1،400 އަށް ވުރެ ގިނަ މީހުން މަރާލާފައިވެއެވެ.