ހައްދު ފަހަނަ އަޅާފައިވާ އިސްރާއީލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 34 ނޫސްވެރިން މަރާލާފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

ޓައިމްސް އޮފް ގައްޒާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން މިހާރު ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް 34 ނޫސްވެރިއަކު މަރާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން ނޫސްވެރިންނާއި 31 ފިރިހެނުން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން އެކަމާ ގުޅޭ މައުލޫމާތު އެންމެ ފަހުން ދިނީ އިއްޔެ ހަވީރެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުން ނަމަ، އިސްރާއީލްގެ ހަމަލާތަކުގައި އޭރު ޝަހީދުވެފައިވާ މީހުންގެ އަދަދު 7،326 އަށް އަރާނެއެވެ.

އަލް-ޖަޒީރާގެ ނޫސްވެރިއަކު ބުނި ގޮތުގައި މިހާތަނަށް އައިއިރު ޣައްޒާގެ ގޮނޑުދޮށް ކައިރިން އެކަނި ވެސް 42 މީހެއްގެ ހަށިގަނޑު ވަނީ ދެނެގަނެވިފައެވެ. އަދި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް-ޝިފާ ހޮސްޕިޓަލް ކައިރި އަށް ބޮން އެޅުމުން ވެސް ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.

ހަނގުރާމަ ފެށުނު ފަހުން އެންމެ ބޮޑު ލޭ އޮހޮރުވުމެއް ޣައްޒާގައި ހިންގީ ރޭގައެވެ. އިސްރާއީލް ނިރުބަވެރިން ރޭ ޣައްޒާއަށް ދިން ވައިގެ ހަމަލާގައި 100 އާ ގާތް ކުރާ އަދަދެއްގެ އަސްކަރީ ޖެޓް ބޭނުންކޮށްފައިވާއިރު ހުއްޓުމެއް ނެތި، އިސްރާއީލުން ދިޔައީ ޣައްޒާ އަށް ބޮން އަޅަމުންނެވެ.

ޣައްޒާގައި ތިބި އަލްޖަޒީރާގެ މުވައްޒަފުންނަށް ސެޓެލައިޓް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ޣައްޒާގެ ހާލަތު އެނގުނު ނަމަވެސް ބޮން ގޮއްވާލާފައިވާ އެންކްލޭވްގައި މުވާސަލާތުގެ ހިދުމަތް ގާތްގަނޑަކަށް މުޅިން ކެނޑި، ސީދާ މުއާސަލާތު ކުރުމަށް ގިނަ ފަހަރަށް ހުރަސް އެޅެއެވެ. މި ހުރިހާ ކަމެއް ފެށިގެން އައީ ހުކުރު ދުވަހު އިސްރާއީލް ނިރުބަވެރިންގެ ތަރުޖަމާނު އަލް ޝިފާ ހޮސްޕިޓަލަކީ ހަމާސްގެ ލީޑަޝިޕްގެ މައިގަނޑު މަރުކަޒު ކަމަށް ބުނި ފަހުންނެވެ.

ހަމާސްއިން މިކަން ދޮގުކުރި ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ޣައްޒާއަށް ވަނީ ކަރަންޓާއި މުވާސަލާތީ ހިދުމަތް ކަނޑާލައި، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވެފައެވެ. މިހަމަލާގައި އެ ސަރަޙައްދުތަކުން އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެމަޖެންސީ ސާވިސްތަކަށް އެހީތެރިވުމަށް ވަގުތުން އެތަންތަނަށް ނުދެވުނު ކަމުގެ ރިޕޯޓްތައް ބުނެއެވެ.