ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 110 ޑޮކްޓަރުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގައި 7،700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ގިނައެވެ. ޔަހޫދިން ހަމަލާތައް ދެމުންގެންދަނީ ވަކި ތަނެއް ބަަލައިނުލައެވެ.

މިގޮތުން ސްކޫލްތަކަށާއި، އާއްމުން އުޅޭ ގެތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދީފައި ވެއެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގައި ޣައްޒާގެ 110 ސިއްހީ ހިދުމަތްތެރިން ޝަހީދުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 100 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނަށް އަނިޔާވެގެން ފަރުވާ ދެމުންދާއިރު، 50 އެމްބިއުލާންސަށް ހަމަލާދީ، ދެބައިކުޅަ އެއްބައި އެމްބިއުލާންސް މަސައްކަތް ނުކުރާ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ ތެރެއިން ބޮން ގޮއްވުމުގެ ސަބަބުން ނުވަތަ ތެޔޮ ނުލިބިގެން 12 ހޮސްޕިޓަލަކާއި 46 ޕްރައިމަރީ ހެލްތް ކެއާ ކްލިނިކް ބަންދުކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.