ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން އެއްކޮށް މެދުކެނޑިފައިވާ ޣައްޒާގެ މުހިންމު ދެ ހޮސްޕިޓަލަކުން ތެޔޮ ހުސްވާން ކައިރިވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓައެއް ނުލައެެވެ. އިސްރާއިލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓާއި އަދި ކާބޯތަކެތި ފޯރުކޮށްދިނުން މެދުކަނޑަލައިފައެެވެ.

މިއާއެކު ސިއްހީ ހިދުމަތްތަކަށްވެސް ވަނީ ބުރޫ އަރައިފައެވެ.

މިހާރު ޣައްޒާއަށް ވަންނަ މިފަދަ ތަކެއްޗަކީ ހާއްސަ ހުއްދައިގެ ދަށުން ވަންނަ ތަކެެއްޗެެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ މުޅި ދުނިޔެއަށް "ފަހު އިންޒާރު" ދެއްވަމުން ވިދާޅުވީ އަލް ޝިފާ އާއި އިންޑޮނޭޝިއާގެ ހޮސްޕިޓަލްތަކުގެ ޖަނަރޭޓަރުތައް މުޅިން ހުއްޓެން އޮތީ "މަދު ގަޑިއިރެއް"ކަމަށެވެ.

"ތެޔޮ އުފައްދާ ގައުމުތަކުގައި ތިއްބެވި އަޅުގަނޑުމެންގެ ހުރިހާ އެންމެންނަށް ގޮވާލަނީ، ބަލި މީހުންނާއި ޒަހަމްވި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ތެޔޮ އަލް ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއާ ހޮސްޕިޓަލަށް ފޯރުކޮށްދިނުމަށް،" ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވިއެވެ.

ޠައްޒާއަށް އެހީގެ މަދު ޓްރަކްތަކެއް އެތެރެކުރުމުގެ ހުއްދަ ދިން ނަމަވެސް، އިސްރާއީލުން ދަނީ ތެޔޮ ޝިޕްމަންޓްތަކަށް ހުރަސް އަޅަމުންނެވެ.

މިގޮތުން އިސްރާއީލްގެ ދިފާއީ ބާރު އައިޑީއެފްގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުނީ ޣައްޒާއަށް ތެޔޮ ނުވަންނާނެ ކަމަށެވެ.

"ޣައްޒާއަށް ތެޔޮ ނުވަންނާނެ. ހަމާސްގެ އެ ތެޔޮ ބޭނުން ވަނީ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗާ އަށް،". ހަގާރީ ބުނެފައި ވެެއެއެވެ.

ޣައްޒާއަށް ތެޔޮ ނުލިބޭއިރު، ހޮސްޕިޓަލް ފަދަ ތަންތަން ހިންގަމުން ދަނީ ދަތި ހާލުގައެވެ. އަދި ބައެއް ތަންތަނަށް ބޮން އަޅާ ސުންނާފަތި ކުރުމުގެ ސަބަބުން ވަނީ ބަންދު ކުރަން ޖެހިފައެވެ.