އޮކްޓޯބަރު ހަތް ވަނަ ދުވަހު ނިރުބަވެރި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާއާ ދެމެދު ހަނގުރާމަ ފެށުނު ފަަހުން ފުރަތަމަ ފަހަރަށް މިސްރާއި ޣައްޒާ ގުޅުނު ބޯޑަރު ހުޅުވާލައިފިއެވެ.

މިއާއެކު ޣައްޒާގައި ތިބި އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮންނަ މީހުންނަށް ދަތުރު ކުރެވޭނެއެވެ. އަދި ޒަހަމްވެފައިވާ މީހުންނާއި، އިތުރު ފަރުވާއަށް ބޭނުންވާ މީހުން މި ބޯޑަރު ހުރަސްކޮށް ގެންދާނެއެވެ.

އަލްޖަރީޒާއިން ބުނީ، އެ ބޯޑަރު ހުރަސްކޮށް މީހުން ދަތުރު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެ ބޯޑަރު ހުޅުވުމުގެ ކުޑަ އިރުކޮޅެއް ކުރިން އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ވިދާޅުވީ ޣައްޒާއިން "ބިދޭސީންގެ ފުރަތަމަ ގްރޫޕް" ފުރައިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އިނގިރޭސި ވިލާތުގެ ޓީމުތައް ތިބީ އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ފުރުމުގެ ފުރުސަތު ލިބުނުހާ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް. ފުރާނަ ސަލާމަތްކުރާ އިންސާނީ އެހީ ވީހާވެސް އަވަހަކަށް ޣައްޒާއަށް ވަނުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށުނުއިރު ޣައްޒާގައި އެހެން ގައުމުތަކުގެ އެތައް ބަޔަކު ތިއްބެެވެ. މި ބޯޑަރު ހުޅުވިގެން ދިއުމާއެކު ޣައްޒާގައި ތިބި އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮތް މީހުންނަށް ފުރައިގެން ދިއުމުގެ ފުރުސަތު ލިބޭއިރު، ބަލި މީހުން ގެންދިއުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަނގުރާމަ ފެށުުނު ފަހުން ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 8،500 އަށްވުރެ މައްޗަށް އަރައިފައެވެ.