ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ބޮމުގެ ހަމަލާތަކެއްދީ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ވަނީ ކައިރި ކައިރީގައި އަށް ބޮމެއް އެ ސަރަހައްދަށް ވައްޓާލައިފައެވެ. ބައެއް ބޮންތަކުގެ ބަރުދަނުގައި ދެ ޓަނު ހުންނާނެ ކަމަށް ވެސް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ. އަދި އެތައް ބަޔަކު އިމާރާތުގެ ދަށުގައިވާ ކަމަށްވެއެވެ. އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.

އަލް-ޖަޒީރާ އިން ރިޕޯޓް ކުރާ ގޮތުގައި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާ ދިނުމުގެ ސަބަބުން މިހާތަނަށް އައިއިރު 50 މީހަކު ވަނީ ޝަހީދުވެ، 150 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައެވެ. އިސްރާއީލުން ބުނާ ގޮތުގައި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާ ދެނީ އެ ތަނުގައި ހަމާސް އިން ހަރަކާތްތެރިވަމުންދާތީއެވެ. އެކަމަކު، މި ހަމަލާތަކުގައި ގިނަ އިން ޝަހީދުވެގެން ދަނީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އަލް-ޖަޒީރާގެ ނޫސްވެރިޔާ ވާއިލް ދަހްދޫ ބުނި ގޮތުގައި އެ ހަމަލާގެ ސަބަބުން ވަރަށް ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ. އަދި 100 އަށް ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައި ވާނެ ކަމަށް އޭނާ ލަފާ ކުރާ އިރު، ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ދިއުމަށް އިސްރާއީލުން މިއަދު ހެނދުނު ލީފްލެޓް އަޅާފައިވާ ކަމަށް ވެސް އެ ނޫސްވެރިޔާ ބުނެފައިވެއެވެ.

ޖަބަލިއާ ސަރަހައްދަށް އިސްރާއީލުން ބޮން އަޅާފައި.

ޖަބަލިއާ ރެފިއުޖީ ކޭމްޕަކީ ޣައްޒާގައި އަދި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ތޮއްޖެހިފައި އޮތް އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދި އެއް ސަރަހައްދަކީ ޖަބަލިއާ ރެފިއުޖީ ކޭމްޕެވެ. އެހެންވެ، ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު ކުރިއަށް ވުރެ ވެސް އިތުރުވާނެއެވެ.

އިސްރާއީލުން އިއްޔެ ވެސް ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަ ބޮން ވައްޓާލައި ބޮޑު ގަތުލުއާންމެއް ހިންގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި 300 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެއެވެ. އިއްޔެ ދިން ހަމަލާއާ ގުޅިގެން އަރަބި ގައުމުތަކުން ވަނީ އެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 7 ވަނަ ދުވަހު ފެށިގެން ކުރިއަށް ހަނގުރާމައިގައި ޣައްޒާ އިން 9،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވެއެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 100 އަށް ވުރެ މަތި އިރު، ހުޅަނގު އައްސޭރީން އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ބެލުމުގެ ދަށުގައި މިހާރު ވެސް ތިބި މީހުންގެ އަދަދު 6،000 އަށް ވުރެ މައްޗަށް އަރާނެއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ. މި ހަމަލާތަކުގައި ޝަހީދުވެފައިވަނީ ކުށެއް ނެތް އާންމުންނެވެ. އިސްރާއީލްގެ ވަކިތަކުގެ ދަށުވެ 3،500 ކުއްޖަކު ވެސް ވަނީ ޝަހީދުވެފައެވެ.