ފާއިތުވި 24 ގަޑިއިރު ތެރޭ ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ތިން ހަމަލާއެއް ދީފިއެވެ.

ފަލަސްތީނުގެ ޣައްޒާގެ މެދުތެރޭގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ދިޔައިރު، އިއްޔެ އެކަނި ވެސް ނިރުބަވެރިން ވަނީ އެތަނުގެ ކައިރިއަށް ޖެހިޖެހިގެން އަށް ބޮމެއް ވައްޓާލާފައެވެ. ބައެއް ބޮންތަކުގެ ބަރުދަނުގައި ދެ ޓަނު ހުންނާނެ ކަމަށް ވެސް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގިނަ އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައެވެ.

އެހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީވަމުން، ޝަހީދުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކަމާއި ބެހޭ އިދާރާތްތަކުން ކުރަމުން އަންނައިރު، ރިޕޯޓްތަކުން އެންމެ ފަހުން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭ އެ ކޭމްޕަށް ނިރުބަވެރިން ވަރުގަދަ ތިން ހަމަލާއެއް ދީފައިވާ ކަމަށެވެ.

ޖަބަލިއާ ކޭމްޕަށް ދިން ހަމަލާގައި މިހާތަނަށް 195 އަށްވުރެ ގިނަ މީހަކު ޝަހީދުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. އަދި 5 އިމާރާތަަކަށް ބޮން އަޅައި އިމާރާތްތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. މިހަމަލާތަކާއި ގުޅިގެން 100 އެއްހާ މީހަކަށް ވަނީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވާއިރު، 120 އަށްވުރެ ގިނަ މީހަކު ގެއްލިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕަކީ ޣައްޒާގައި އަދި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ތޮއްޖެހިފައި އޮތް އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ. ޣައްޒާގެ އުތުރުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދި އެއް ސަރަހައްދަކީ ޖަބަލިއާ ރެފިއުޖީ ކޭމްޕެވެ. އެހެންވެ، ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު ކުރިއަށް ވުރެ ވެސް އިތުރުވާނެއެވެ.