ނޭޕާލަށް ބާރުގަދަ ބިންހެލުމެއް މިރޭ އަތުވެއްޖެއެވެ.

ނެޝަނަލް ސެންޓަ ފޯ ސެސްމޮލޮޖީން ބުނި ގޮތުގައި މި ބިންހެލުން އައި ކަމަށް ރިކޯޑް ކުރެވިފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 މީޓަރު އަޑީން ކަމަށް ވެސް ނެޝަނަލް ސެންޓަ ފޯ ސެސްމޮލޮޖީން ބުނެފައިވެއެވެ.

މި ބިންހެލުން އައި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ރާއްޖެ ގަޑިން މިރޭ 23:02 ގައެވެ.

ބިންހެލުމާ ގުޅިގެން ލޮޅުމުގެ އަސަރުތައް އަވަށްޓެރި އިންޑިއާ އަށް ވަނީ ކޮށްފައެވެ. އެގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި އެހެން ބައެއް ސިޓީތަކަށް ވެސް ލޮޅުމުގެ އަސަރުކޮށްގެން ރިޕޯޓުކޮށްފައިވެއެވެ. ލޮޅުމުގެ އަސަރު ކުރުމާ އެކު ބައެއް މީހުން ގެއިން ބޭރަށް ވެސް ނުކުމެފައެވެ.

ނިއު ދިއްލީގެ އިތުރުން އުއްތުރަ ޕްރަދޭޝް، އުއްތަރް ހާންޑް، ބިހާރަށް ވެސް ލޮޅުމުގެ އަސަރު ކުރިއެވެ.

ނޭޕާލްއަކީ ދޭތެރެ ދޭތެރެއިން ވަރުގަދަ ބިންހެލުންތައް އަންނަ ގައުމެކެވެ.

އޭޕްރީލް 2015 ގައި ނޭޕާލް އަށް ބިންހެލުމެއްގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ، 21،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.