ހޮސްޕިޓަލްތައް ހިމެނޭހެން ނިރުބަވެރި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކެއް ރޭ ޣައްޒާގެ އެކި ސަރަހައްދުތަކަށް ދީފިއެވެ.

ނިރުބަވެރިންނާއި ދެކޮޅަށް ހަމާސް ޖަމާއަތުން މިދިޔަ މަހުގެ 7 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއި ގުޅިގެން ނިރުބަވެރިން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތައް މިހާރު ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ޣައްޒާގެ ބައެއް ސަރަހައްދުތަކުގައި ތިބެގެން ހަމަލާތައް ދެމުން އަންނައިރު، ހަމަލާތަކުގައި ޝަހީދުވާ މީހުންނަށް ފަރުވާ ނުލިބޭނެ ގޮތްތައް ވެސް އަންނަނީ ފަހިކުރަމުންނެވެ.

އެގޮތުން ރޭ ވެސް ނިރުބަވެރިން ވަނީ ހުއްޓުމެއް ނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާ ދީފައެވެ. އެގޮތުން ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލުގެ ކައިރިއަށް ހަމަލާތައް ދިނުމާއި، ނުސެއިރަތްގައި ހުންނަ ގެތަކަށާއި ބުރީޖް ކޭމްޕަށް ވަނީ ހަމަލާތަކެއް ދީފައެވެ.

މީގެ އިތުރުން ވެސް ޣައްޒާގެ ހުޅަނގުން އޮންނަ އަލް-ނަސީރް، ޖަބަލިއާ ކޭމްޕް، ބެއިތް ހަނޫން، އަޓަޓްރާ، އަލްސޫދަނިޔާ، ބެއިތް ލާހިޔާގެ އިތުރުން އަލް-ޓުފާގެ ސަރަހައްދުތަކަށް ނިރުބަވެރިން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ.

ޣައްޒާގެ މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި މިހަމަލާތަކުގައި ޣައްޒާގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. ނަމަވެސް ސީދާ ޝަހީދުވި މީހުންގެ އަދަދެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލް ކައިރިއަށް މިސައިލް ހަމަލާތަކެއް ދީފައިވާއިރު، އަލް ޝިފާ ހޮސްޕިޓަލުގެ ދޮރުމައްޗަށް ވެސް އިއްޔެގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ހަމަލާތަކެއް ދީފައެވެ. މިހަމަލާ އަމާޒު ކޮށްފައިވަނީ ހޮސްޕިޓަލުގެ ދޮރުމަތީގައި އޮތް އެމްބިއުލާންސަކަށެވެ. ނިރުބަވެރިން ބުނާ ގޮތުގައި އެ އެމްބިއުލާންސަކީ ހަމާސްގެ މުޖާހިދުން ބޭނުން ކުރަމުން ދިޔަ އެމްބިއުލާންސެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން803

    ފަަލަސްތީނަކީ މިހާލަތު އައުމުގެ ކުރިން އިސްލާމީ ޤައުތައް ވެގެން ބާރުވެރިކުރުވައި މިނިވަން ކުރަންޖެހޭތަނެކެވެ. މިކަމެއް ކުރާތަނެއް ނުފެނެއެވެ. ކޮންމެ ފަހަރަކު އިސްރާއީލް އަރާ ފަލަސްތީން ތަޅާލީމަ އިސްލާމީ ޤައުމުތައް މިކުރާކަމަކީ ފަލަސްތީނާއެކު ތިބިކަން ދެއްކުމަށްޓަކައި އެތައްބައެއްގެ ފުރާނަ ދާފަހުން ކާއެތިކޮޅަކާއި ގިފުޑިއެއް ދެވޭތޯ ބެލުމެވެ. މިއީތޯ އިސްލާމީ އުއްމަތުގެ ޒިންމާއަކީ؟ އެކުވެރި އިސްލާމީ އުއްމަތް ނުފެނެއެވެ. ފެންނަނީ ޔަހޫދީ އިސްލާމީ ވެރިންނެވެ.