ޣައްޒާގައި ރަހީނު ކުރެވިފައިވާ މީހުންގެ އާއިލާތަކުން ނުކުމެ ނިރުބަވެރި ސިފައިންގެ ޓެލް އަވީވްގައި ހުންނަ މައި މަރުކަޒު ކައިރީގެ މަގު ބަންދުކޮށްފިއެވެ.

އިސްރާއީލްގެ ނިރުބަވެރިންނާއި ހަމާސްގެ މުޖާހިދުން ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލްގެ ބަޔަކު ވަނީ ޣައްޒާގައި ރަހީނުކުރެވިފައެވެ. އެ ރަހީނުންގެ އާއިލާތަކުން ނުކުމެ އަންނަނީ ހަމަނުޖެހުން ހިންގަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހަރޮން ބަރަކް ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމެއް ނިންމުމަށްފަހު، ޣައްޒާގައި ރަހީނުކޮށްފައިވާ އިސްރާއީލް މީހުންގެ އާއިލާތަކުން ވަނީ ޓެލް އަވީވްގެ އަސްކަރީ މަރުކަޒުގެ ގޭޓް ކުރިމައްޗަށް އެއްވެ، މަގު ބަންދުކޮށްފައެވެ.

ރަހީނުން ދޫކޮށް ނުލަނީސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ އިއުލާންކޮށްފައެވެ. އޭނާ ބުނީ ހަމާސް ޖަމާއަތުގެ ހައްޔަރުގައި ތިބި ޔަހޫދީން ދޫކޮށްލުމެއް ނެތި އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިންކާރުކުރާ ކަމަށާއި ހުރިހާ ގޮތަކުން ވެސް ނިރުބަވެރި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ އިއުލާނާއި ގުޅިގެން ރަހީނުންގެ އާއިލާތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަނީއެވެ.

ހަމާސްގެ ބެލުމުގެ ދަށުގައި 242 މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހަމާސް އިން ވަނީ ދޫކޮށްލާފައެވެ.

ނިރުބަވެރި އިސްރާއީލުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރަމުންދާ ހަނގުރާމާގައި ޣައްޒާގެ އެތަން މިތަނަށް ބޮން އަޅާ ދަނީ ސުންނާފަތި ކުރަމުންނެވެ.

މި ހަނގުރާމައިގައި ޣައްޒާގެ 9،000 އަަަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.