ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ބޭރަށް ދިން ހަމަލާގައި 15 މީހަކު ޝަހީދުވެ، 50 އަށްވުރެ ގިނަ މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ޣައްޒާއިން ބުނެފިއެވެ.

ނިރުބަވެރިން އިސްރާއީލުން އިއްޔެ އަލް ޝިފާ ހޮސްޕިޓަލުގެ ބޭރުގައި އޮތް އެމްބިއުލާންސަކަށް އަމާޒުކޮށް ހަމަލާތަކެއް ދީ ހަމަލާގެ ޒިންމާ އުފުލަމުން ބުނެފައިވަނީ އެ އެމްބިއުލާންސަކީ ހަމާސް ޖަމާއަތުގެ މުޖާހިދުން ބޭނުން ކުރަމުން އަންނަ އެމްބިއުލާންސެއް ކަމަށެވެ. މީގެ ކުރިން ނިރުބަވެރިން ވަނީ ހަމާސްއިން ޝިފާ ހޮސްޕިޓަލުގެ އަޑީގައި ހަރަކާތްތެރިވާ ކަމަށް ވެސް ބުނެފައެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ހަމަލާއާއި ގުޅިގެން ބުނެފައިވަނީ އެމްބިއުލާންސް ދިޔައީ ރަފާހް ބޯޑަރު ކައިރިއަށް ދިއުމަށް ތައްޔާރު ވަމުން ކަމަށާއި އެކަން ރެޑް ކްރޮސްގެ ބައިނަލްއަގުވާމީ ކޮމިޓީއަށް ވެސް އެންގި ކަމަށެވެ. އަދި އެ ކޮމިޓީން ވެސް ވަނީ އެމައުލޫމާތު ހިއްސާކުރިކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

މިހަމަލާގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 15 އަށް އަރާއިރު، 50 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ތުއްތު ކުދިން ވެސް ހިމެނެއެވެ.

އެމްބިއުލާންސަށް އަމާޒުކޮށް ދިން ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯތަކުން ގިނަ ބައެއްގެ ހަށިތައް އެކި ސަރަހަރައްދުތަކުގައި ތިބި މަންޒަރު ފެނިގެންދެއެވެ.