ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޒުވާނަކަށް މަގުމަތީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

ނިރުބަވެރި އިސްރާއީލުން މީގެ ކުރިން ވެސް ފަލަސްތީނުގެ އެކި މީހުންނަށް އަނިޔާކޮށް، ހަމަލާދޭ މަންޒަރު މީސްމީޑިއާގައި އާންމުވެއެވެ. ނަމަވެސް މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުގެ މުޖާހިދުން، ނިރުބަވެރިންނާއި ދެކޮޅަށް ފަލަސްތީނު މިނިވަން ކުރުމަށް ދޭން ފެށި ހަމަލާތަކަށްފަހު، ނިރުބަވެރިންގެ ހަމަލާތައް ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. އަދި އަނިޔާވެރިކަން ވެސް އިންތިހާއަށް ބޮޑުކޮށްފައެވެ.

ހުއްޓުމެއް ނެތި މުޖާހިދުންނާއި ނިރުބަވެރިން ހަމަލާ ބަދަލު ކުރަމުން އަންނައިރު، ކޮންމެ ދުވަހަކު ގޮތަކަށް ނިރުބަވެރިން ފަލަސްތީނުގެ ރައްޔިތުން މަގުމަތިން އަތުލައި އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެއެވެ. މިފަހަރު އާންމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ނިރުބަވެރިންގެ ގިނަ ބަޔަކު އެ ޒުވާނާ ވަށާލައި ބިންމައްޗަށް ވައްޓައި އަނިޔާ ކުރާ މަންޒަރެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ޒުވާނާއަށް އަނިޔާ ކޮށްފައިވަނީ ސިލްވިއަންގެ ސަރަހައްދެއްގައެވެ.

މިފަދަ ވީޑިއޯތަކެއް އާންމުވެ، ނިރުބަވެރިންގެ ހަމަލާތައް ވަރުގަދަވި ނަމަވެސް، އަރަބި ގައުމުތަކުން އެކަން ހުއްޓުވައި، ނިރުބަވެރިންނާއި ދެކޮޅަށް ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ އަރަބި ގައުމުތަކަށް ފާޑު ކިޔަވަމުންނެވެ. އަދި އދ. ގެ އާންމު މަޖިލީހުން ހަނގުރާމަ ހުއްޓާލަން ގޮވާލައި، ޤަރާރެއް ފާސް ކުރި ނަމަވެސް، އެ ޤަރާރަށް އަމަލު ކޮށްފައި ނުވާތީ ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަވަމުންނެވެ.

ނިރުބަވެރި އިސްރާއީލުން މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 9000 އަށްވުރެ ގިނަ މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.