ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ނިރުބަވެރިންނާއި ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމަ ފެށުނު ފަހުން، ޣައްޒާގެ ރައްޔިތުންނަށް ދުވާލަކަށް ކާން ލިބެނީ ދެ ފޮތި ޕާން ކަމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ބުނެފިއެވެ.

ޣައްޒާ ރައްޔިތުންގެ ހާލަތު ހާމަ ކުރައްވަމުން ޣައްޒާގައި ތިބޭ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދެއްމުން އަންނަ ޔޫއެންގެ އޮފިޝަލެއް ކަމަށްވާ ތޯމަސް ވައިޓް ބުނެފައިވަނީ ޣައްޒާގައި ދިރިއުޅޭ އެވްރެޖް ރައްޔިތަކު ދުވާލެއްގެ މައްޗަށް ލިބެނީ ދެ ފޮތި ޕާން (އަރަބިކް ބްރެޑް) ކަމަށާއި އަދި އެމީހުން ތިބެނީ ފެނަށް ވަރަށް ބޮޑަށް ބޭނުން ވެފައި ކަމަށެވެ.

އޭނާ ބުނެފައިވަނީ އިރުމަތީގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އޭޖެންސީން ޣައްޒާގެ 89 ބޭކަރީއަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ނަމަވެސް އެމީހުން މިހާރު ތިބީ ޕާނާއި ފެނާއި ހޯދުމަށް ކެތްމަދުވެފައި ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރިކަން ފާހަގަ ކުރަމުން އެތަންތަނުން އޭނާއަށް ފެނުނު މަންޒަރު ސިފަ ކޮށްފައިވަނީ "މަރުވެ ހަލާކުވެފައިވާ" ތަނެއްގެ ގޮތުގައެވެ.

ނިރުބަވެރި އިސްރާއީލާއި މުޖާހިދުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ޣައްޒާއަށް މަދު އެހީތަކެއް ދިނުމުގެ ހުއްދަ ނިރުބަވެރިން ދީފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އެހީތައް ފޯރުކޮށްދޭން އަންނަ ވެހިކަލްތައް ޗެކް ކުރުމުގެ ސަބަބުން ލަސްވުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ބަނޑަށް ޖެހިފައިވާ ގިނަ ބަޔަކު އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން ކާބޯތަކެތި ރައްކާ ކުރާ ގުދަނަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ވަނުމެވެ.