އިސްރާއީލްގެ އަސްކަރިއްޔާ އިން ވައިގެ މަގުން ބޮން އެޅުމުގެ ސަބަބުން ހައްޔަރުކޮށްގެން ފަލަސްތީނުގެ ޣައްޒާ އަށް ގެންދިޔަ 60 އަށް ވުރެ ގިނަ ޔަހޫދީން ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސްގެ އަސްކަރީ ގޮފި، އިއްޒުއްދީން އަލް ޣައްސާމް ބްރިގޭޑްސް އިން ބުނެފިއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަދަދު 250 އަށް އަރައެވެ. އޭގެ ތެރެއިން ބައެއް މީހުން އިންސާނިއްޔަތަށްޓަކައި ހަމާސް އިން ވަނީ ދޫކޮށްލައިފައެވެ. ހަމާސް އިން ވަނީ އެ ދުވަހު އެކަނި ވެސް 1،400 މީހުން މަރާލައިފައެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ވެސް ހިމެނޭ ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

ހަމާސް އިން ބުނާ ގޮތުގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އެންމެން ދޫކޮށްލާނީ އިސްރާއީލްގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ބެލުމުގެ ދަށުގައި ޖަލުތަކުގައި 6،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އެބަތިބިއެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ޣައްޒާ އަށް ގެންދިޔަ 60 އަށް ވުރެ ގިނަ ޔަހޫދީން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރެއިން 23 މީހަކު މިހާރު ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ކަމަށް ވެސް އަބޫ އުބައިދާ ވިދާޅުވިއެވެ.

"އަހަރުމެންނަށް ހީވަނީ އެމީހުންނާ ހަމައަށް ދެން ނުފޯރާނެ ހެން އިސްރާއީލުން ޣާއްޒާ އަށް މެދުކެނޑުމެއް ނެތި އަޅަމުން އަންނަ ބޮމުގެ ސަބަބުން،" އަބޫ އުބައިދާ ވިދާޅުވިއެވެ.

އަބޫ އުބައިދާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޣައްޒާ އަށް ގެންދިޔަ މީހުންގެ ތެރެއިން 50 މީހުން ވަނީ އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ފަލަސްތީނުގެ ޣައްޒާގައި "ރަހީނުކޮށްފައި" ތިބީ 240 މީހުންނެވެ. އޭގެ ތެރޭގައި އިސްރާއީލް ސިފައިންނާއި އާންމުންނާއި ބޭރު ގައުމުތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

އިސްރާއީލުން މިހާތަނަށް އައިއިރު ހައްޔަރުކޮށްފައި ތިބި މީހުންގެ ނަންތަކެއް ހާމައެއް ނުކުރެއެވެ. އެކަމަކު އިސްރާއީލްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އިސްރާއީލް ސިފައިންނެވެ.