ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ކަރަންޓު ނެތުމުގެ ސަބަބުން އަލަށް ވިހާ ކުދިންގެ އައިސީޔޫ ބަންދު ކުރަން ޖެހިފައިވުމުން، ދުވަސްނުފުރާ ވިހާފައި ތިބި ތުއްތު ދެ ކުދިން ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރު ބުނެފިއެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިޔާ ބުނެފައިވަނީ އެކުދިންގެ އިންކިއުބޭޓަރު ތަކަށް ކަރަންޓު ދޭނެ ތެޔޮ ވެސް ހޮސްޕިޓަލުން ހުސްވެފައި ވުމުން އަލަށް ވިހާ ކުދިންގެ އައިސީޔޫގައި ތިބި އިތުރު 37 ކުދިންގެ ފުރާނަވެސް ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ.

”ކަރަންޓު ނެތުމުގެ ސަބަބުން 39 ތުއްތު ކުދިންގެ ތެރެއިން ދެ ކުދިންގެ ފުރާނަ މިވަނީ ގެއްލިފައި. އަހަރެމެން މި ދައްކަނީ ވަރަށް ބޮޑަށް ސިއްހީ އެހީ ބޭނުންވާ ދުވަސްނުފުރާ ވިހާފައި ތިބި ކުދިންގެ ވާހަކަ.” މުހައްމަދު ބުނެފައި ވެއެވެ.

މުހައްމަދު ބުނެފައިވަނީ ތުއްތު ދެ ކުދިން ނިޔާވެފައިވަނީ އެކުދިންނަށް ހޫނު މާހައުލަކާއި މެދުނުކެނޑި އޮކްސިޖަން ފޯރުކޮށްދޭ އިންކިއުބޭޓަރުތަކަށް ކަރަންޓު ދޭނެ ތެޔޮ ހޮސްޕިޓަލުން ހުސްވެފައި ވުމުގެ ސަބަބުން ކަމަށެވެ. އިސްރާއީލުން އަލް ޝިފާ ހޮސްޕިޓަލު ހިސޯރު ކޮށްފައި އޮތް އިރު، އެމީހުން ދަނީ ހޮސްޕިޓަލަށް ހަމަލާވެސް ދެމުންނެވެ.

”އެ ދެ ކުދިން ނިޔާވެފައިވަނީ ފިނިހޫނުމިން ދަށަށް ދިއުމުންނާއި އޮކްސިޖަން ނުލިބުމުގެ ސަބަބުން. އެކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް މިހާރު އަހަރެމެންނަށް ޖެހިފައިވަނީ އާދައިގެ ގޮތްތައް ބޭނުންކުރަން.” މުހައްމަދު ބުނެފައި ވެއެވެ.

މުހައްމަދު ބުނެފައިވަނީ ކަރަންޓު ނެތުމުގެ ސަބަބުންނާއި އޮކްސިޖަން ދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެކުދިންނަށް އެހާ ރައްކާތެރި ނޫން ތަންތަނަށް އެކުދިން ބަދަލު ކުރަން ޖެހިފައިވާ ކަމަށެވެ.

“އެކުދިންނަށް ވަކި ފިނިހޫނުމިނެއް، ނޭވާ ލާން ވަކި މެޝިންތަކެއް ބޭނުންވާތީ އަހަރެމެން ވާނީ ދުވަސްނުފުރާ ވިހާފައި ތިބި 10 ތުއްތު ކުދިން އެއް އެނދެއްގައި ބައިތިއްބާފައި.” އޭނާ ބުނެފައި ވެއެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު އުބައިދު ބުނެފައިވަނީ ތުއްތު ދެކުދީންގެ އިތުރުން، ވެންޓިލޭޓަރަށް ކަރަންޓު ނުލިބުމުގެ ސަބަބުން ބޮޑު މީހަކުވެސް މަރުވެފައިވާ ކަމަށެވެ.

އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ބަލި މީހުން އެހެން ތާކަށް ބަދަލު ކުރުމުގެ މަގެއް ފެނޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ތުއްތު ކުދިން އެހެން ތާކަށް ބަދަލު ކުރުމަަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެހީ ވާނެ ކަމަށް ބުނެފައިވާ ކަން މުހައްމަދު ވަނީ ދޮގު ކޮށްފައެވެ. އޭނ ބުނެފައިވަނީ އެމްބިއުލާންސްތަކުގައި އެކުދިން ރައްކާތެރި ތަނަކަށް ބަދަލު ކުރަން އިސްރާއީލު އަސްކަރިއްޔާއަށް ހުށައެޅި ކަމަށާއި ނަމަވެސް އެމީހުން ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އެކުދިން އެހެން ތަނަކަށް ބަދަލުކުރަން އެހީވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވީ ނަމަވެސް އެއީ މާބޮޑު ހަގީގަތެއް އޮތް ވާހަކައެއް ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ.