އިސްރާއީލާއި ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ލުބުނާނުގެ ވަރުގަދަ ހިޒުބުﷲ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ ގެ ހަތިޔާރު އެޅި ގޮފިންް އާ ވައްތަރުގެ ހަތިޔާރު ބޭނުން ކޮށްފައިވާ ކަމަށާއި، އިސްރާއީލުގެ އާ އަމާޒުތަކަށް ހަމަލާ ދީފައިވާނެ ކަމަށް ހިޒްބުﷲ ގެ ވެރިޔާ ސައްޔިދު ހަސަން ނަސްރުﷲ ވަނީ ވިދާޅުވެފައެވެ. ނަސްރުﷲ މިހެން ވިދާޅުވެފައިވަނީ އިއްޔެ ދިން ތަގުރީރެއްގައެވެ. މިއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށް ފަހު ނަސްރުﷲ ދެއްވި ދެވަނަ ތަގުރީރެވެ. ފުރަތަމަ ތަގުރީރުގައި ނަސްރުﷲ ވިދާޅުވެފައި ވަނީ ލުބުނާނުން ދޭ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އިއްޔެ ދެއްވި ތަގުރީރުގައި ނަސްރުﷲ ވިދާޅުވެފައި ވަނީ ހިޒްބުﷲ އިން ވަނީ އޮޕަރޭޝަން ތަކުގެ އަދަދުގައި އަދި އަމާޒުތަކުގެ ބޮޑުމިނުގަޔާއި އަދަދުގައި ކުރިއެރުން ހޯދާފައި ކަމަށާއި، ހަތިޔާރުގެ ވައްތަރުތައްވެސް ގިނަ ކޮށްފައިކަމަށެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވެފައި ވަނީ އެ ޖަމާއަތުން ވަނީ މި މަހު އިސްރާއީލުން ހަމަލާދީ ލުބުނާނުގެ ތިން ކުޑަކުދިންނާއި އެކުދިންގެ މާމަ ޝަހީދު ކޮށްލުމުން އެކަމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް އިސްރާއީލުގެ އުތުރުގެ ކިރްޔަތް ޝްމޯނާ އަވަށަށްވެސް ހަމަލާ ދީފައި ކަމަށެވެ.

ނަސްރުﷲ ގެ ތަގުރީރުގެ ކުޑަ އިރުކޮޅެއް ފަހުން ޔަހޫދީންގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލެންޓް، އިސްރާއީލު-ލުބުނާނު ބޯޑަރު ކައިރީގައި ތިބި އިސްރާއީލު ސިފައިންނާއި މުހާތަބުކޮށް ބުނެފައިވަނީ ހިޒްބުﷲ އިން ލުބުނާނު ހަނގުރާމައެއްގެ ތެރެއަށް ވައްދަނީ ކަމަށެވެ.

އަދި ހިޒްބުﷲ އިން ގޯސްތަކެއް ހަދަނީ ކަމަށާއި، އެ ގޯސްތަކުގެ އަގު އެންމެ ފުރަތަމަ އަދާ ކުރަން ޖެހޭނީ ލުބުނާނުގެ އާންމު ރައްޔިތުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ” ޣައްޒާގައި ކުރަމުން ގެންދާ ކަންތައްތައް ބޭރޫތްގައިވެސްް ކުރެވިދާނެ“ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ އިއްޔެ ބުނެފައިވަނީ ހިޒްބުﷲ އިން ދިން ހަމަލާތަކުގެ އިން ރައްދުގައި ހިޒްބުﷲ ގެ ގިނަ އަމާޒުތަކަކަށް އިސްރާއީލުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި ސީރިއާއިން ފޮނުވާލި ރޮކެޓްތަކެއްގެ ބަދަލުގައި ސީރިއާ އަށްވެސް ހަމަލާ ދީފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނިރުބަވެރިން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމާއި އެކީ ލުބުނާނުން ވެސް ވަނީ އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކާއި އިސްރާއީލުގެ ބައެއް ސިފައިންނަށް ވަނީ އަނިޔާވެސް ވެފައެވެ. އަދި ބަދަލުގެ ގޮތުގައި ނިރުބަވެރިން ވެސް އަންނަނީ ލުބުނާނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސަރަޙައްދީ ހަނގުރާމައަކަށް ގޮސްގެން ޔަހޫދީ ޒަޔަނިސްޓް އިސްރާއީލު ނެތިގެންދާކަމަށް ވާނަމަ އަހަރެން އެކަމަށް ތާއީދު!!