އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން މިހާތަނަށް 14،320 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ވަދެފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް އަރައި 1،400 މީހުން މަރާލައިފައެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލްގެ ސިފައިން ވަނީ މަރާލައިފައެވެ. އިސްރާއީލުން ފަހުން ވަނީ އެ އަދަދު 1،200 އަށް ދަށްކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި އެ އަދަދު އިތުރުވީ، ފަލަސްތީނުގެ މުޖާހިދުން ހިމަނާފައިވުމުންނެވެ. އިސްރާއީލުން ބަދަލު ހިފުމުގެ ގޮތުން ޣައްޒާ އަށް ދަނީ މެދުކެނޑުމެއް ނެތި ބޮން އަޅަމުންނެވެ.

ހަނގުރާމައަށް މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް ހަނގުރާމަ ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ނުލިބެއެވެ.

ކޯޑިނޭޓާ ފޯ ގަވަމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް އިން ބުނީ މިހާތަނަށް 14،320 ޓަނުގެ އިންސާނީ އެހީ ޣައްޒާއަށް ވަދެފައިވާ ކަމަށެވެ. އަދި 850 އަށް ވުރެ ގިނަ ޓްރަކް ޣައްޒާއަށް އައިސްފައިވާ ކަމަށްވެސް އެ ތަނުން ބުނެފައިވެއެވެ.

ޣައްޒާއަށް ވެއްދި އެހީގެތެރޭގައި ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާގެ ސާމާނު ހިމެނެއެވެ.

އިސްރާއީލުން ބުނަމުންދަނީ ޣައްޒާއަށް ތެޔޮ ވެއްދުމަށް ހުއްދަ ނުދެނީ އިސްރާއީލަށް ހަމަލާ ދިނުމަށް ހަމާސް އިން ތެޔޮ ބޭނުން ކުރާނެތީ ކަމަށެވެ. އިސްރާއީލުން މިހެން ބުނެފައިވާއިރު ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދިޔަ ބައެއް ޓްރަކްތަކަކަށް އިސްރާއީލްގެ ނިރުބަވެރި ސިފައިން ވަނީ ހަމަލާދީފައެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އިން ބުނެފައި ވަނީ އިސްރާއީލުން ދިން ހަމަލާ ދެ ޓްރަކަކަށް އަމާޒުވެ، އެ ތަނުން އެއް ޓްރަކްގައި އިން ޑްރައިވަރަކަށް އަނިޔާވެފައިވާ ކަމަށެވެ. މި ޓްރަކްތަކުގައި އުފުލަމުން ދިޔައީ ސިއްހީ ސާމާނު ކަމަށާއި އެ ތަކެއްޗަކީ ފަލަސްތީނިއަން ރެޑް ކްރެސެންޓް ސޮސައިޓީން ހިންގަމުން އަންނަ އަލް ގުދުސް ހޮސްޕިޓަލަށް ގެންދިޔަ ތަކެތި ކަމަށް ވެސް އައިސީއާރުސީން ބުނެފައިވެއެވެ.

އައިސީއާރުސީން ބުނެފައިވާ ގޮތުގައި މިކަމުގެ ސަބަބުން ވަރަށް ބޮޑު އުނދަގުލެއް ވަނީ ކުރިމަތިވެފައެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނަށް އިހްތިރާމްކޮށް، އިންސާނީ ހައްގުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ހިމާޔަތް ދޭން ޖެހޭ ކަމަށް ވެސް އައިސީއާރުސީން ބުންޏެވެ.