ފަލަސްތީނުގެ ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު ޝަހީދުވެއްޖެއެވެ.

ޝިފާ ހޮސްޕިޓަލުން ބުނީ އެމީހުން ޝަހީދުވެފައި ވަނީ އޮކްސިޖަން ނުލިބުމާއި ޝިފާ ހޮސްޕިޓަލްގައި ކަރަންޓު ނެތުމުގެ ސަބަބުން ކަމަށެވެ. އިސްރާއީލުން މިދިޔަ ދުވަސްތަކުގައި އެންމެ ބޮޑަށް ހަމަލާ ދެމުން އައީ ޝިފާ ހޮސްޕިޓަލަށާއި އެ ހޮސްޕިޓަލް ވަށައިގެންވާ ސަރަހައްދުތަކަށެވެ.

އެ ހޮސްޕިޓަލުން އިއްޔެ ބުނި ގޮތުގައި ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު 42 އަށް އަރާނެއެވެ.

ޣައްޒާގެ ޝިފާ ހޮސްޕިޓަލްގެ ތެރެއިން ފިތްކަނޑައިގެންދާ ވަރުގެ ވާހަކަ!

ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރަކު އަލް-އަރަބީ ޓީވީ އަށް ބުނީ މިހާތަނަށް އައިއިރު އައިސީޔޫގައި ތިބި ދެ މީހަކު ޝަހީދުވެފައިވާ ކަމަށާއި އެންމެން ޝަހީދުވި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އެކަމަކު، ޝިފާ ހޮސްޕިޓަލްގައި ތިބި މީހުންނަށް އިތުރު އުނދަގުލާ ކުރިމަތިވާ ނަމަ، އައިސީޔޫގައި ތިބި އެންމެން ޝަހީދުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޑައިލަސިސް ހަދާ މީހުން މާދަމާ ވެސް ޝަހީދުވުމުގެ ފުރުސަތު އެބައޮތް އެމީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނުތިއްޔާ." އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު 11،180 މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި 4،609 ކުޑަކުދިންނާއި 3،100 އަންހެނުންނާއި 218 މެޑިކަލް އަދި ސިވިލް މަސައްކަތްތެރިންނާއި 49 ނޫސްވެރިން ހިމެނެއެވެ.

އެޑިޓަރުގެ ނޯޓު: "ވަގުތު"ން ފުރަތަމަ ގެނެސް ދިން ހަބަރުގައި އަލް-ޝިފާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އެންމެން ދުނިޔެއާ ވަކިވެފައިވާ ކަމަށް ބުނެ، ހަބަރު ގެނެސް ދެވުނީ ފަލަސްތީނުގެ މީޑިއާއަކާ ހަވާލާދީއެވެ. ގުދުސް ނިއުސް ނެޓްވޯކުން ފަހުން ވަނީ އެ މައުލޫމާތު ނަގައިފައެވެ. އެހެންވެ، އެ މައުލޫމާތުގެ ކުށަށް ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާއަފަށް އެދެމެވެ.