ޣައްޒާގެ ސިއްހީ ނިޒާމު ފުނޑު ފުނޑުވެ، ސިއްހީ މާހިރުންނާއި އަދި ސިއްހީ ފަރުވާ ދޭނެ އެކަށީގެންވާ އާލާތްތައް ނެތުމުގެ ސަބަބުން، ޔަހޫދީންގެ ހަމަލާ ތަކުގައި ޒަހަމްވާ މާބަނޑު އަންހެނުންގެ ފުރާނަ ސަލާމަތް ކުރަން ޣައްޒާގެ ޑޮކްޓަރުން ރަހިމު ނެގުމުގެ އޮޕަރޭޝަންތައް ކުރަން ފަށައިފިއެވެ.

ޔަހޫދީން ހިސޯރު ކޮށްފައިވާ ޣައްޒާގައި ގާތްގަނޑަކަށް 50،000 މާބަނޑު އަންހެނުން ދިރިއުޅެމުންދާ ކަމަށް އދ ގެ އާބާދީއާއި ބެހޭ ގޮފިން ބުނެފައިވެއެވެ. އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް މަސް ތެރޭގައި، އެވްރެޖު ގޮތެއްގައި ދުވާލަކު 160 އަންހެނުން ވިހާނެ ކަމަށް ލަފާ ކުރެވެއެވެ.

އުތުރު ޣައްޒާގައި މިހާރު ހިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލު ކަމަށްވާ އަލް އަހްލީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑރ ފާޒިލް ނައީމް ވަނީ ޒަހަމްވެފައިވާ ބައެއް މާބަނޑު އަންހެނުން ކުރިމަތިލާ ގޮންޖެހުންތަކުގެ ވާހަކަ ދައްކާފައެވެ.

އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ޑރ ނައީމް ބުނެފައިވަނީ އެވަގުތު ތައްޔާރު ވަމުން ދަނީ މިސައިލަކުން ވަކިވެފައިވާ ތޫނު ބަޔަކުން ބަނޑަށް ޒަހަމްތަކެއް ލިބިފައިވާ، 5 މަހުގެ މާބަނޑު، 20 އަހަރުގެ އަންހެނެއްގެ އޮޕަރޭޝަން ކުރަން ކަމަށެވެ. އަދި ހޮސްޕިޓަލުގައި މާބަނޑު މީހުންގެ ހާއްސަ ޑޮކްޓަރެއް ނެތުމުގެ ސަބަބުން އޮޕަރޭޝަން ކުރާނީ އާންމު އޮޕަރޭޝަން ތައް ކުރާ އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން ދަރިފުޅުގެ ފުރާނަ ގެއްލުމުގެ ނުވަތަ އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރަން ރަހިމު ނަގަން ޖެހިދާނެ ކަމުގެ ހިރާސް އޮތްކަން ދެނެގަނެ ބަލިމީހާ ވަނީ އޮޕަރޭޝަން ކުރުމަށް ހުއްދަ ދީ ލިޔުމެއްގައި ސޮއިކޮށްފައި ކަމަށްވެސް ޑޮކްޓަރު ބުނެފައި ވެއެވެ.

”އަހަރެމެންގެ ހޮސްޕިޓަލުގައި ހާއްސަ ސިއްހީ އެހީ ދެވެން ނެތުމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތް ކުރަން އަހަރެމެންނަށް އޮތް ހަމައެކަނި ގޮތަކީ މީ.” ނައީމް ބުނެފައި ވެއެވެ.

ތެޔޮ ހުސްވެ ކަރަންޓު ނެތުމުގެ ސަބަބުންނާއި، އިސްރާއީލުން ހޮސްޕިޓަލުތަކަށް ދެމުން ގެންދާ ހަމަލާ ތަކުގެ ސަބަބުން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލާއި، ދެވަނަ އަށް އެންމެ ބޮޑު ހޮސްޕިޓަލު، އަލް ޤުދުސް ހޮސްޕިޓަލާއި އަދިވެސް އިތުރު އެތައް ހޮސްޕިޓަލެއްގެ ހިދުމަތްތައް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 2222

    އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި އިސްރާއީލަށް ހަލާކުހުރި

    8
    1