ޣައްޒާގެ ހޮސްޕިޓަލްތަކުން މިހާރު ރައްޔިތުންނަށް އުފަލެއް ނުލިބޭ ކަމަށާއި ހޮސްޕިޓަލްތަކުގައި އެކި ކަހަލަ ބަލިތައް ފެތުރެމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.

ނިރުބަވެރިން ހޮސްޕިޓަލްތަކަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކަށް މިއަދާއި ހަމައަށް އައި އިރު ވެސް ހުއްޓުމެއް އައިސްފައި ނުވާއިރު، ހަމަލާތަކުގެ އިތުރުން ތެޔޮ ފޯރުކޮށް ނުދިނުމުގެ ސަބަބުން ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކުން ދެމުން އައި ހިދުމަތްތައް ނުދެވި، ބައެއް ހޮސްޕިޓަލްތައް މިހާރު ވަނީ ބަންދު ކުރަން ޖެހިފައެވެ.

ހޮސްޕިޓަލްތަކުން ދެމުން އަންނަ ހިދުމަތްތައް ނުދެވި، ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، ކޮރިޑޯތަކުގެ ބިންމަތީގައި ގިނަ އަދަދެއްގެ ބަލި މީހުން މިވަގުތު ތިބިއިރު، އެތަންތަނުގެ ހާލަތު ވަރަށް ގޯސް ކަމަށް ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އެލިސް ރޮތުޗައިލްޑް އާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގޮތުން އޭނާ ބުނެފައިވަނީ 21 ގަރުނުގެ ހޮސްޕިޓަލްތަކުގެ ދެމުން އަންނަ ހިދުމަތްތައް ދެވޭނީ ކަރަންޓް ލިބިގެން ކަމަށާއި، ނަމަވެސް ޣައްޒާއަށް ތެޔޮ ނުލިބުމުގެ ސަބަބުން ގިނަ ހޮސްޕިޓަލްތަކުން މިވަގުތު ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި ގިނަ ހޮސްޕިޓަލްތަކުގައި މިހާރު ބޭނުން ކުރަމުންދާ ޖެނެރޭޓަރުތައް ވެސް މަސައްކަތް ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ނަރުހުން ތިބީ ވަރުބަލިވެ، ހާސްވެފައިކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ ހޮސްޕިޓަލްތަކުގެ ތެރޭގައި އެކި ކަހަލަ ބަލި ގައިންގަޔަށް އަރާ ބަލި ފެތުރި، މުޅި ޣައްޒާއަށް ހާސްކަން ވެރިވެފައިވާ ކަމަށެވެ.

"ދެން ވާނެ ގޮތަކީ މީހުން ހާލުގައި ޖެހި، ބައެއް މީހުން މަރުވުން، ސެޕްސިސް ނުވަތަ އިންފެކްޝަންގެ ސަބަބުން މަޑުމަޑުން މީހާ މި ދުނިޔެ ދޫކޮށްދާނެ. ބައެއް މީހުން ކުއްލޮ ގޮތަކަށް ވެސް މަރުވާނެ" އޭނާ ބުންޏެވެ.